ads
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކުޑަ ގައުމަކަށް ވިޔަސް ބޭނުން ގޮތެއް ހެދިޔަ ނުދޭނަން: ރައީސް
ރާއްޖެއަކީ ކުޑަ ގައުމަކަށް ވިޔަސް ބޭނުން ގޮތެއް ހެދިޔަ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ ދަތުރުގެ މައުލޫމާތު ދެއްވުމަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ދެއްވި ޕްރެސް ބްރީފިންގައި ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެ އުފެދިފައިވާ ގޮތުން ކުޑަވުމަކީ "ބުލީ" ކުރުމަށް އޮތް ހުއްދައެއް ނޫންކަމުގައި އެވެ. 

ރާއްޖެއިން އިންޑިއާއަށް ބަރޯސާވެގެން މިހާރު ކުރާ ވަރަށް ގިނަ ކަންކަމުގައި އެ ނޫން ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފައްޓަވާފައިވާކަން އިއުލާން ކުރެއްވުމަށް ފަހު، އިނގިރޭސި ބަހުން ރައީސް ވިދާޅުވީ، "ވީ މޭ ބީ ސްމޯލް، ބަޓް ދެޓް ޑަސަންޓް ގިވު ޔޫ ދަ ލައިސެންސް ޓު ބުލީ އަސް" ކަމަށެ.

"މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ދިވެހި ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ. މި ކަނޑަކީ މި ކަނޑު ވަށާލެވިފައިވާ ހުރިހާ ގައުމުތަކަށް ވެސް ނިސްބަތްވާ ކަނޑެއް" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ފާހަގަ ކުރެއްވި ގޮތުގައި ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ދެމިގެންދާނީ 4 އަސާސެއްގެ މައްޗައް ކަމަށާއި އެ އަސާސުތަކަކީ އެއް ގައުމުން އަނެއް ގައުމަށް އިހްތިރާމް ކުރުން، ސިޔާދަތީ ހަމަހަމަކަން، ސަރަހައްދީ އިމަށް އިހްތިރާމްކުރުން އަދި ރާއްޖޭގެ ދާހިލީ ކަންކަމާ ނުބެހުންކަމުގަ އެވެ. 

ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެ އޮތީ ވަރަށް ދުރުގައި ކަމަށާ އަދި ރާއްޖެއާ ބަލާއިރު އެ ގައުމަކީ ބާރުގެ ގޮތުންނާއި ސައިޒުގެ ގޮތުން ވެސް ބާރުގަދަ، ބޮޑު ގައުމެއް ކަމަށާއި ނަމަވެސް، ދެ ގައުމު ވެސް އެއް ގައުމު އަނެއް ގައުމާ ދޭތެރޭ ދެކެނީ ތަފާތު ކުރުމެއް ނެތި، ހަމަހަމަކަމުގެ ނަޒަރަކުންކަން ކަމަށް ރައީސް ފާހަގަ ކުރެއްވިއެވެ. 

ޓެރިޓޯރިއަލް އިންޓަގްރިޓީއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ޗައިނާގެ "ވަން ޗައިނާ" ސިޔާސަތު ރާއްޖެއިން ފުރިހަމައަށް ގަބޫލުކޮށް، އެ ކަމަށް ތާއީދު ކުރާ ކަމަށާއި ހަމަ އެގޮތަށް ޗައިނާ އިން ވެސް ރާއްޖޭގެ ޓެރިޓޯރިއަލް އިންޓަގްރިޓީއަށް ތާއީދު ކުރާކަމުގަ އެވެ.

"އަޅުގަނޑުމެންނަކީ ވަކި ޤައުމެއްގެ ބެކް ޔާޑްގަ އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް. އެހެންވީމަ މިޓެރިޓޯރިއަލް އިންޓަރގްރިޓީގެ އަސާސަކީ ޗައިނާއިން ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް އިހްތިރާމް އަދާކުރާ އަސާސެއް. އަނެއް އަސާސަކީ ނޮން އިންޓަރފިއަރެންސް އިން އިންޓަރނަލް މެޓަރސް. އަޅުގަނޑުމެންގެ އަމިއްލަ އެތެރޭގެ ކަމަކަށް ޗައިނާއަކުން އެއްވެސް ވަރަކަށް ނުފޫޒެއް ނުފޯރުވާ. ކުރީގަ ދާދިފަހަކާ ޖެހެންދެން ފެނުނީ މިދިޔަ ސަރުކާރުގެ ދުވަސްވަރު ފެނުނީ އެއްގޮނޑިން ތެދުވެ އަނެއް ގޮނޑީގަވެސް އިށީނދެވެނީ ވަކިބަޔެއްގެ ހުއްދަ ހޯދައިގެން. އެގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ" ރައީސް ވިދާޅުވި އެވެ.

ދިވެހި ރާއްޖެއަކީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ފާހަގަ ކުރެއްވި އެެވެ. 

އެއާ އެކު، ރައީސް ދެން ވިދާޅުވީ، ރާއްޖެ އަކީ "ވަކި ގައުމެއްގެ ބެކްޔާޑްގައި އޮތް ގައުމެއް ނޫން" ކަމަށެވެ. މިއީ މިނިވަން، މުސްތަގިއްލު ގައުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް