ads
ކުރީގެ ރައީސް ނަޝީދު މާލޭގެ އާ މޭޔަރު އާޒިމް އާއިއެކު
މޭޔަރު އާޒިމް މާލޭގެ ފެންބޮޑުވުން ހައްލުކޮށް ދެއްވާނެ ކަމަށް އުންމީދުކުރަން: ނަޝީދު
މާލޭގެ މޭޔަރަކު ހޮވުމަށް އިއްޔެ ބޭއްވި އިންތިހާބު ބޮޑު ތަފާތަކުން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓު އާދަމް އާޒިމް މި ވަނީ ކާމިޔާބު ކުރައްވައިފަ އެވެ. ކުރީގެ ރައީސް ނަޝީދު މާލޭގެ އާ މޭޔަރު އާޒިމް އާއިއެކު

އާޒިމްއަށް މަރުހަބާ ދަންނަވާ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާ މޭޔަރު މާލޭގެ ފެންބޮޑުވާ މައްސަލަ ހައްލުކޮށް ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިހާރު ޑިމޮކްރެޓްސް އަށް ނިސްބަތްވާ އަދި ސިޔާސީ މަސައްކަތާއި ދުރުގައި ހުންނެވި ނަޝީދު ވިދާޅުވީ މި ފަހުން މާލޭގައި ފެންބޮޑުވާ މައްސަލައިގެ އަސްލު އާ މޭޔަރު ހޯއްދަވައި އެކަމަށް ހައްލު ގެނެސްދެއްވާނެކަމުގެ އުންމީދު އޮތް ކަމަށެވެ. ބޯކޮށް ވާރޭ ވެހިއްޖެ ނަމަ މިހާރު މާލޭފައި ފެންބޮޑުވާ މައްސަލަ ވަރަށް ބޮޑެވެ. 

މިދިޔަ ހުކުރު ދުވަހު ވެސް ފެންބޮޑުވެ، ގެއްލުންތަކެއްވެފައިވާ އިރު، މިދިޔަ މަހުގެ ތެރޭގައި ވެސް ފެންބޮޑުވެ، މާލޭގެ ގެތަކަށް ފެންވަދެ، އެކި ވަރުގެ ގެއްލުންވެފައިވެ އެވެ. 

މިއަދުގެ އިންތިހާބުގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އާޒިމް 7621 ވޯޓު ކާމިޔާބު ކުރައްވާފައިވާއިރު އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރަށް ލިބިވަޑައިގަތީ 5،031 ވޯޓެވެ.

އާޒިމްގެ ކެމްޕެއިންގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކަމަށްވާ ގެދޮރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ފްލެޓާއި ގޯތި ހަވާލުކޮށްދިނުމެވެ. އެ ސަރުކާރަށް ހަވާލުނުކުރެވި އޮތް ގޯތިތައް ދިނުމުގެ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.

އާޒިމްގެ އިތުރުން އިއްޔެގެ އިންތިހާބުގައި ވާދަ ކުރެއްވީ ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކެންޑިޑޭޓު އާޒިމާ ޝަކޫރާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ސައިފު ފާތިހާއި އަމިއްލަ ގޮތުން ވާދަ ކުރެއްވި ހުސެއިން ވަހީދާއި ޝުއައިބު އަލީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް