ads
ހުޅުމާލެ ކުޑަ ކުދިންގެ ހިޔާ
ދެ ކުއްޖަކު ފިޔަވަތީގައި އަވީގައި ބަހައްޓާފައި ހުންނަ ވީޑިއޯއެއް!
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން، ހުޅުމާލޭގައި ބައިތިއްބާފައި ހުންނަ ފިޔަވަތީގައި ބައެއް ކުޑަ ކުދިންނަށް އިހުމާލުވާކަމަށް މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

ސޯޝަލް މިޑީއާގައި އިއްޔެ އާންމުވެފައިވާ އެ ވީޑިއޯއަކީ ފިޔަވަތި ކައިރީގައި ހުންނަ ގެއެއްގައި ދިރިއުޅޭ މީހަކު ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައިވާ ވީޑިއޯއެކެވެ.

އެ ވީޑިއޯއިން ފެނިގެންދަނީ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ ހަތަރު މީހަކު މީހަކު ވެގެން، އަންހެން ކުއްޖަކު ބޭރަށް ނެރި އަވީގައި ބަހައްޓާފައި ހުރި މަންޒަރެވެ. މެންދުރުގެ ގަދައަވީގައި އެކުއްޖާގެ އިތުރުން އެހެން އަންހެން ކުއްޖަކު ވެސް ބޭރަށް ނެރިފައި ހުއްޓެވެ. 

ވީޑިއޯ ހިއްސާކުރި މީހާ ބުނި ގޮތުގައި އެތަނުގައި ކަމެއް ހިނގައިގެން އުޅޭކަން އޭނާއަށް އެނގުނީ އެތަނުގައި މަސައްކަތްކުރާ ބަޔަކު އެތަނުން އަންހެން ކުއްޖަކަށް ހަޅޭހަވާ އަޑުގަދަ ކަމުން ބެލުމުންނެވެ. އެގޮތުން އެ އަންހެން ކުއްޖާ އެތަނުގައި ބަހައްޓާފައި ހުންނަތާ އޭރު ގަޑިއިރަކަށްވުރެ ގިނައިރުވާނެ ކަމަށް އޭނާ ބުންޏެވެ. 

އެހެން ފަޅިއެއްގައި އަނެއް އަންހެން ކުއްޖާ ބޭރަށް ނެރެފައި ބަހައްޓާފައި ހުރިއިރު ވީޑިއޯއިން ފެންނަ ގޮތުގައި ހިޔާގެ އެތެރޭގެ ގޭޓު ކައިރީގައި މަޑުކޮށްގެން އެތަނުގެ މީހުންނާއި އަންހެން ކުއްޖާ އިރުއިރުކޮޅާ ވާހަކަ ދައްކާ މަންޒަރު ވެސް ފެނެ އެވެ. އޭގެ އިރުކޮޅެއް ފަހުން، އެމީހުން އަންހެން ކުއްޖާއަށް ކާއެއްޗެހި ނެރެދިނުމަށް ފަހު ގޮނޑިއެއްދެ އެވެ. އަދި އަންހެން ކުއްޖާ ބޭރުގައި އިނދެގެން ކާ މަންޒަރު ވެސް ފެނެ އެވެ. އޭގެ ފަހުން ވެސް އެތެރެއަކަށް ކުއްޖާ ނުވައްދަ އެވެ. ހަމަ އަވީގައި ހިނގާލަ ހިނގާލަ އެކުއްޖާ ހުރެ އެވެ. 

އެ ވީޑިއޯ ކުރި މީހާ ބުނި ގޮތުގައި އެކަން ފިޔަވަތީގެ ބޮޑު މީހާއަށް ރިޕޯޓްކުރި އެވެ. އަދި ކަމާއި ގުޅޭ ފޮޓޯ ފޮނުވުމަށް ވެސް އެދުން ކަމަށް ބުންޏެވެ. 

މިކަމާއި ގުޅިގެން އަދި ޖެންޑާ މިނިސްޓްރީގެ އޮފިޝަލަކު ސީއެންއެމްއަށް ވިދާޅުވީ އިއްޔެ މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި ކުޑަކުދިންނާއި ގުޅޭ އެފަދަ މައްސަލަތަކުގައި ހިމެނޭ ކުދިންގެ ފޮޓޯ އާއި ވީޑިއޯ އާންމުކުރުމުގެ ބަދަލުގައި އެކަން މިނިސްޓްރީއަށް ނުވަތަ ފުލުހުންނަށް ހުށަހެޅުމަށް އިލްތިމާސްކުރެއްވި އެވެ. އަދި ވިދާޅުވީ ކުޑަކުދިންގެ ގާނޫނަށް ގެނެވިފައިވާ ބަދަލާއެކު އެކުދިންގެ ފޮޓޯ އާންމުކުރުމަކީ މަނާކަމެއް ކަމަށެވެ.

ދޭތެރެ ދޭތެރެއިން ކުޑަކުދިންގެ ހިޔާގައި ތިބޭ ކުދިންނަށް އެތަނުގެ މުވައްޒަފުން އިހުމާލުވާ ވީޑިއޯތަކާއި ފާރުމައްޗަށް ކުދިން އަރައިގެން އުޅޭ ވީޑިއޯތައް އާންމުވެ އެވެ. 

ހުޅުމާލޭގައި ހުންނަ ފިޔަވަތީގައި 100 އަށް ވުރެ ގިނަ ކުދިން އުޅޭއިރު އެތަނުގައި އުޅެނީ 12 އަހަރުން ދަށުގެ ކުދިންނެވެ.

8%
ކަމުގޮސްފި
16%
އަޑުއެހިތާ މިހުރީ
72%
ސަތޭކައަކުން ސުމެއް
4%
ވަރަށް ސަލާމް
ކޮމެންޓްސް