ads
އާދަމް އާޒިމް
މާލޭ ސިޓީގެ އާ މޭޔަރު ހުވާކުރުން އަންނަ ހޯމަ ދުވަހު
މާލޭ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި މޭޔަރުގެ މަގާމަށް އިންތިހާބުކޮށްފައިވާ އެމްޑީޕީގެ ކެންޑިޑޭޓު އާދަމް އާޒިމް އާއި ތިން ދާާއިރާއަށް އިންތިހާބުކުރި ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އާ މޭޔަރާއި ކައުންސިލަރުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ވަރަށް ފުރިހަމަ ގޮތެއްގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. 

މާލޭގެ އައު މާޔަރާއި، ކައުންސިލަށް އަލަށް އިންތިހާބުވި މެންބަރުންނާއެކު ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފު ވިދާޅުވި އެވެ.

މި ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވޭ." މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަން އާޒިމް ކާމިޔާބު ކުރެއްވީ 7،621 ވޯޓުންނެވެ. އޭނާއާ އެންމެ ކައިރިން ވާދަ ކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާއަށް ލިބިވަޑައިގެންފައި ވަނީ 5،031 ވޯޓެވެ.

އާޒިމް އިއްޔެ ވަނީ ފުރަތަމަ ފަހަރަށް ސިޓީ ކައުންސިލަށް ވަޑައިގެން ކައުންސިލަރުންނާއި ތަނުގެ މުވައްޒަފުންނާއި ބައްދަލު ކުރައްވައިފަ އެވެ.

މޭޔަރުގެ ގޮނޑި ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވީ ޑރ. މުއިއްޒު ރައީސް ކަމާ ހަވާލުވެވަޑައިގަތުމުންނެވެ. އެމަނިކުފާނު އެ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ކަމުގެ ހުވާ ކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް