ads
އިބްރާހީމް ހުސެއިން ޒަކީގެ ޕާސްޕޯޓް މައްސަލަ އަލުން ބަލަނީ
ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އެންގި މައްސަލަ ހައިކޯޓުން އަލުން ބަލަން ފަށައިފި އެވެ.
Advertisement

ޒަކީގެ ޕާސްޕޯޓް މައްސަލަ ހައިކޯޓުން އަލުން ބަލަން މި ފެށީ، ސުޕްރީމް ކޯޓުގެ އަމުރަކާ ގުޅިގެންނެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ.

އެ މައްސަލަ ދައުލަތުން ފުރަތަމަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމާފައި އޮތީ އެ މައްސަލަ އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް ނެތް ކަމަށެވެ. އެހެން ހައިކޯޓުން ނިންމުމުން، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ކުރި ހުކުމުގައިވަނީ ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން އަމުރު ނެރެފައިވަނީ އިމިގްރޭޝަންގެ މައްޗަށް ކަމަށްވާތީ އެ އަމުރު އިސްތިއުނާފް ކުރުމުގެ ހައިސިއްޔަތު ދައުލަތަށް އެބައޮތް ކަމަށެވެ. އަދި އެ އަމުރަކީ ގާނޫނާ ހިލާފް އަމުރެއް ކަމަށް ބެލެވޭ ހާލަތުގައި، އެ އަމުރަށް އަމަލު ނުކޮށް ބޭއްވުމުގެ ބަދަލުގައި ޖެހޭނީ އެ އަމުރު އިސްތިއުނާފް ކުރަން ކަމަށް ވެސް އެ ހުކުމުގައިވެ އެވެ. 

އެކަންކަން ފާހަގަކޮށް، ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ އެ މައްސަލަ ބެލުމަށްޓަކައި ހައި ކޯޓަށް ތަހުވީލުކުރީ ކަމަށެވެ. ހައިކޯޓުގައި މިއަދު އަލުން އެ މައްސަލަ ފެށުނީ އެ އަމުރާ ގުޅިގެންނެވެ. ހައިކޯޓުގައި މިއަދު އޮތް ކުރު އަޑު އެހުމެއްގައި އެ މައްސަލަވަނީ އަޑު އަހައި ނިންމައިފައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުން ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ހައިކޯޓުގައި އަލުން މައްސަލަ ބައްސަލަވަނީ ފަނޑިޔާރު ޝަނީޒް، ޝަފީއު އަދި ދީބާނާޒްއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް