ހެލްތް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އުސޫލު އިފްތިތާހުކޮށްދެއްވީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ ހިދުމަތަށް ނެރޭއިރު ވަޒީފާއަށް މުވައްޒަފުން އައްޔަން ކުރަނީ މެރިޓް އުސޫލުން ކަމަށާއި އެ އުސޫލުތަކަކީ ބަދަލުތައް ގެނެވޭ އުސޫލުތައް ކަމުގަ އެވެ.
އަދި ޑިޖިޓަލްކޮށް އޮންލައިން ޕްލެޓްފޯމެއް މެދުވެރިކޮށް މުވައްޒަފުން ނެގުމުގެ މަސައްކަތް މިއަހަރު ފެށިގެން ގޮސްފައިވާ ކަމަށާއި މިގޮތަށް މުވައްޒަފުން ނަގާއިރު މަސައްކަތް ކުރުމަށް ފަސޭހަތައް ލިބޭނެ ގޮތަކަށް ދަފްތަރު ކުރެވިގެންދާނެ ކަމަށްވެސް ނަސީހު ފާހަގަ ކުރެއްވި އެވެ.
ނައިބު ރައީސް ހުސައިން އެ އުސޫލު އިފުތިތާހު ކޮށްދެއްވުމާ އެކީ، އުސޫލު ވަނީ ގެޒެޓުކުރެވިފަ އެވެ.
ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަނބުރާ ހިދުމަތަށް ނެރުމުގެ އުސޫލު ހެލްތް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު އެ އުސޫލުގައިވާގޮތުން އެކި ރަށްތަކުން ޖުމްލަ 39 މީހުން އެކި މަޤާމުތަކަށް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ޖުމްލަ 20 މެޑިކަލް އޮފިސަރުންނާއި 17 ނަރުހުންނާއި އެއް ކޮމިއުނިޓީ ހެލްތް އޮފިސަރާއި އެއް މެޑިކަލް ލެބޯޓްރީ ޓެކްނީޝަނެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ހިދުމަތުން ދުރުވެފައިވާ ސިއްހާ ހިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލި ހާއްސަ އުސޫލުގެ އެއް ބޭނުމަކީ އެފަރާތްތަކުގެ އެހީތެރިކަމާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުސޫލުން ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް އެފަރާތްތަކުގެ އެހީތެރިކަން ހޯދުމެވެ.
މި އުސޫލުގެ ތެރެއިން ހިދުމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވި ނަމަވެސް، އެ ފަރާތަކީ ސިއްހީގޮތުންނާއި، ތައުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ގާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުސަތު ދެވޭނެ ގޮތްވެސް މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވެ އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސިއްހީ ކަންކަމާ ބެހޭ ވަޒީރު އަބްދުﷲ ހަލީލް ވިދާޅުވީ، ޤައުމަށް ހިދުމަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެ ދޮރު އަބަދު ވެސް ހުޅުވައިފައި އޮންނާނެ ކަމަށް ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވާ ކަމަށެވެ.
ހަމައެއާ އެކު، ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހު މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، ސިއްހީ ދާއިރާގެ އިތުރުން، އެހެން ދާއިރާތަކުން ވެސް އެކިއެކި ސަބަބުތަކަށްޓަކައި ދުރުވެފައިވާ ހިދުމަތްތެރީން އަނބުރާ ހިދުމަތަށް ނެރެވޭނެ އުސޫލެއް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ޕްރެސްގައި ޕަބްލިކް ޕޮލިސީ، ސެކެރެޓަރީ ޢަބްދުﷲ ނާޒިމް އިބްރާހީމް މިފަހުން ވިދާޅުވީ މިހާރުން މިހާރަށް ވަޒީފާއަށް ނިކުންނަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ސްކީމެއްގެ ދަށުން ސިއްހީ ދާއިރާއަށް ހާއްސަ ރެކްރޫޓްމަންޓް ޕްރޮސެސްއެއްްގެ ތެރެއިން ވަޒީފާ ހަމަޖެއްސައިދޭން ނިންމާފައިވާ ކަމުގަ އެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާބެހޭ ގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން ޕަބްލިކް ޕޮލިސީ، ސެކެރެޓަރީ ނާޒިމް އިތުރަށް ވިދާޅުވީ ކެބިނެޓުގައި މަޝްވަރާކުރުމަށް ފަހު ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް އަށް ގަޑި އިރަށްވުރެ މަދުން މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ހުޅުވާލާނެކަމަށާއި އެ ފަދަ މީހުންނަށް މަސައްކަތް ކުރާ ވަގުތަށް ބަލާފައި އުޖޫރައެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމުގަ އެވެ.