ads
ކޮންޓްރެކްޓް ހަމަވީމަ އެ ނިމުނީ، އިތުރަށް ނޯޓިސް އެއް ދޭކަށް ނުޖެހޭނެ: މުއާޒް
ކޮންޓްރެކްޓް އުސޫލުން ވަޒީފާ ދީފައި ތިބޭ މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އިތުރަށް ނޯޓިސް އެއް ދޭން ނުޖެހޭނެ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
Advertisement

ސަންގު ޓީވީން ރޭ ގެނެސްދިން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މުއާޒް ވިދާޅުވީ، މަސައްކަތް ނެތް ސައިޓް ތަކުގައި ކޮންޓްރެކްޓަށް ނަގާފައިތިބި ވަރަށް ގިނަ މުވައްޒަފުން ފެނަކައިން ދޫކޮށްލަމުން ދާ ކަމަށެވެ.

އެގޮތުން ހއ. ދިއްދޫއިން ދޫކޮށްލަން ނިންމި މުވައްޒަފުންނަކީ ވެސް، އެރަށުގައި ހިންގާ އާ އިންޖީނުގެ އިމާރާތްކުރުމުގެ މަޝްރޫއު ހުއްޓިފައި އޮތުމުން މިވަގުތު ބޭނުން ނުވާ މުވައްޒަފުން ކަމަށް މުއާޒް ވިދާޅުވި އެވެ.

މުއާޒް ވިދާޅުވީ ފެނަކައިން އެ މުވައްޒަފުންގެ ކޮންޓްރެކްޓް އުވާނުލާ ކަމަށާއި، ކޮންޓްރެކްްޓްގެ މުއްދަތު ހަމަވުމުން އެ މުއްދަތު އިތުރު ނުކޮށްދިނުމަށް ނިންމީ ކުންފުންޏަށް ލިބިގެންވާ އިހްތިޔާރުގެ ދަށުން ކަމަށެވެ.

އަދި ދެފަރާތުގެ ދެމެދުގައި ގާއިމް ކުރެވިފައިވާ ކޮންޓްރެކްޓެއްގެ މުއްދަތު ހަމަވުމުން އިތުރަށް ނޯޓިސް އެއް ފޮނުވާކަށް ނުޖެހޭނެ ކަމަށާއި، މުއްދަތު ހަމަވާ ތާރީހު މުވައްޒަފުންނަށް އެނގޭނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

މީގެއިތުރުން މަސައްކަތް ހުއްޓިފައި އޮތުމުގެ ސަބަބުން ދިއްދޫގައި ތިބި ފެނަކައިގެ 57 މުވައްޒަފަކު އެ ކުންފުނިން ގެންގުޅުނީ ވޭތުވެ ދިޔަ ތިން މަސްދުވަސް ތެރޭގައި އެއްވެސް މަސައްކަތެއް ނުކުރުވާ ކަމަށް މުއާޒް ވިދާޅުވި އެވެ. ހަމައެހެންމެ ކޮންޓްރެކްޓަށް ކަމޭހިތުމުގެ ގޮތުން އެ މުވައްޒަފުންނަށް ބަރާބަރަށް މުސާރަ ވެސް ދެމުން ގެންދިޔަ ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

"ސަރުކާރު ހިއްސާވާ ކުންފުންޏަކުން ވެސް އަމިއްލަ ކުންފުންޏަކުން ވެސް، އެއްވެސް މަސައްކަތެއް ނުކޮށް ކޮންޓްރެކްޓްގަ ތިބި މުވައްޒަފުންނެއް އެ ކޮންޓްރެކްޓް ރިނިއުއެއް ނުކުރާނެ" މުއާޒް ވިދާޅުވި އެވެ.

މުއާޒް އިތުރަށް ވިދާޅުވީ ދިއްދޫގެ އާ އިންޖީނުގެއަކީ މާކެޓް ޕްރައިޒްގައި 22 މިލިއަން ރުފިޔާއަށް ނިންމާލެވޭނެ ވަރުގެ އިމާރާތެއް ނަމަވެސް، މިހާރުވެސް 50 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ އެ މަޝްރޫއުގެ ނިމިފައިވަނީ 69 ވަރަކަށް އިންސައްތަ ކަމަށެވެ.

"އެހެންވީމަ ކޮން ބަޔަކަށްތޯ އަޅުގަނޑުމެން ކައިރީގަ އައިއްސަ ބުނެވޭނީ މި މީހުންގެ ކޮންޓްރެކްޓް އާކުރާށޭ؟" މުއާޒް ވިދާޅުވި އެވެ.

ފެނަކައިގައި ތިބި ހުރިހާ މުވައްޒަފުންގެ ވެސް ކޮންޓްރެކްޓް އާ ކޮށްދޭން އެ ކުންފުނިން ބޭނުންވާ ކަމަށާއި، ނަމަވެސް ކުންފުނީގެ މާލީ ހާލަތު ހުރިލެއް ގޯސް ކަމުން އެކަން ކޮށްދެވެން ނެތް ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް