ads
ކެލާގައި އިން ބޮޑު ގަހެއް
ސިނާއީ ނޫން ރަށްރަށުން ކަނޑާ ގަހަކަށް ދެ ގަސް އިންދަން ޖެހޭ ގަވާއިދެއް
ސިނާއީ މަސައްކަތެއްގެ ބޭނުންތައް ފިޔަވާ އެހެން ކަމަކަށް ދޫކޮށްފައިވާ ރަށްރަށުން ކަނޑާ ގަހަކަށް ދެގަސް އިންދަން މަޖުބޫރު ކުރާ ގަވާއިދެއް ސަރުކާރުން އާންމުކޮށްފި އެވެ.
Advertisement

"މި ގަވާއިދުގެ ދަށުން ދޫކުރެވޭ ރަށެއްގައި ނުވަތަ ރަށަކުން ބައެއްގައި އިމާރާތެއް ކުރުމަށް ނުވަތަ އެ ނޫން އެހެން ސަބަބަކަށްޓަކައި ގަހެއް ނުވަތަ ރުކެއް ކަނޑައިފިނަމަ، އޭގެ ބަދަލުގައި އެ ރަށެއްގައި ދެ ގަސް ނުވަތަ ދެ ރުށް އިންދައި ހައްދަންޖެހޭނެ" "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސޯދީ ބޭނުންތައް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅު ރަށްރަށް ދޫކުރުމާ ބެހޭ ގަވާއިދު" ގެ 25 ވަނަ މާއްދާގެ ށ. ގައި ބުނެފައިވެ އެވެ.

ގަސް ނެގުމަށް ފަހު ބަދަލުގައި ގަސް އިންދާނޭ ޖާގަ ރަށުގައި ނެތް ހާލަތެއްގައި އެކަން މިނިސްޓްރީއަށް އެންގުމުން ގަސްއިންދުމުން އެ މީހަކު އިސްތިސްނާ ކުރުމުގެ ހައްގު މިނިސްޓްރީއަށް ލިބިގެން ވެއެވެ.

މި ގަވާއިދުގެ ދަށުން ފަޅުރަށްތައް ދޫކުރެވޭނީ ތިން ގޮތަކަށެވެ. އެއީ ބީލަން އުސޫލުން އިއުލާން ކޮށްގެންނާއި އާންމު ފަރާތަކުން އެ ރަށުގައި ކުރަން ބޭނުންވާ ކަމަކާ ގުޅޭ ތަފުސީލީ ރިޕޯޓެއް ހުށަހެޅުމުން، ނުވަތަ އެފަދަ ރިޕޯޓެއް ކައުންސިލަކުން ހުށަހެޅުމުންނެވެ. މިފަދައިން ދޫކުރާ ރަށްރަށުގައި އިމާރާތްކުރެވެނީ ބިމުގެ ޖާގައިގެ 10 އިންސައްތައިގައެވެ.

މި ގަވާއިދުގެ ދަށުން ފަޅު ރަށްތައް ދޫކުރެވެނީ ތިން ގޮތަކަށެވެ. އެއީ:

  • ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު ކައުންސިލަކު ނުވަތަ ކައުންސިލް ތަކަކުން ހުށަހެޅުމުން
  • ބީލަން އުސޫލުން އިއުލާން ކޮށްގެން
  • ރަށުގައި ކުރަން ބޭނުންވާ ކަމަކާބެހޭ ތަފުސީލު ރިޕޯޓަކާއެކު އާންމު ފަރާތަކުން ހުށަހެޅުމުން

ގަވާއިދުގައިވާ ގޮތުން ކައުންސިލްތަކަށް ފަޅުރަށްރަށް ދޫކުރާނީ 10 އަހަރު ދުވަހުގެ މުއްދަތަށެވެ. އަދި ކައުންސިލްތަކުން އެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށް ވަކި މިންގަނޑުތަކެއް ހިފަހައްޓަން ޖެހޭނެ ކަމަށް ގަވާއިދުގައިވެ އެވެ. 

ސަރުކާރުން އަލަށް އިއުލާނުކުރި މި ގަވާއިދުގައިވާ ކަންކަމާ ހިލާފުވާ ފަރާތްތައް އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިހުތިޔާރު އެ ފަޅުރަށެއް ދޫކުރާ ފަރާތަށް، އެއީ ސަރުކާރު ނޫނީ ކައުންސިލު ކަމުގައި ވިޔަސް، ލިބޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ. 

ރަށްރަށުން ކަނޑާ ގަހަކަށް ދެގަސް އިންދަން މަޖުބޫރު ކުރާ ގަވާއިދެއް ސަރުކާރުން އާންމުކޮށްފައިވާއިރު މިފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ މަޝްރުއޫއެއް ކުރިއަށް ގެންދާނެކަން އިއުލާނުކުރައްވައިފި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް