20 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބު އޮންނާނީ އަންނަ މާރިޗުމަހުގެ 17 ވަނަދުހެވެ. އެއީ ރޯދަމަހުގެ 7 ވަނަދުވަހެވެ.
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ރީ ރަޖިސްޓްރޭޝަން ކުރަން ހަފްތާއެއްގެ މުއްދަތު ލިބޭނެކަމަށެވެ. އެ މުއްދަތުގައި ރީ ރަޖިސްޓްރީ ކުރަން ޖެހޭނީ އޮންލައިންކޮށްކަމަށް ފުއާދު ވިދާޅުވިއެވެ.
ސްމާޓްް ފޯނު ނުގެން ގުޅޭ ފަރާތްތަކާއި ދުވަސްވީ ބޭފުޅުންނަށް ހާއްސަ ކިއޮސްކްތަކެއް ކޮމިޝަންގައި ބަހައްޓާނެކަމަށާއި އެތަނަށް ގޮސް ކޮމިޝަންގެ މުވައްޒަފުންގެ އެހީގައި އޮންލައިންކޮށް ރީ ރަޖިސްޓްރީކުރެވޭނެ އިންތިޒާމު އެފަރާތްތަކަށް ހަމަޖައްސާނެކަމަށްވެސް ފުއާދު ވިދާޅުވިއެވެ.
އިންތިހާބުގެ މުހިއްމު ތާރިހުތައް
ފުއާދު ވިދާޅުވީ މިފަހަރު އިންތިހާބުގައި 600 ވޯޓް ފޮށި ހުންނާނެކަމަށެވެ. ރާއްޖޭގައި ބަހައްޓާ ފޮށިތަކުގެ އިތުރުން، ލަންކާ، އިނގިރޭސިވިލާތް، މެލޭޝިޔާ، އިންޑިޔާގެ އިތުރުން ތައިލެންޑާއި އަބޫދާބީގައިވެސް ފޮއްޓެއް ބެއްޓުމަށް ވިސްނަމުންދާކަމަށެވެ. މީގެއިތުރުން ސިންގަޕޫރާއި ނިއުދިއްލީގައިވެސް ފޮއްޓެއް ބެހެއްޓުމަށް ވިސްނާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.
މަޖިލިސް އިންތިޙާބުގެ ވޯޓްލުން ރޯދަމަހުގެ ފަހުގައި ބޭއްވުމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީއާ ރައީސް ޔާމީން އުފައްދަވަން ޕީއެންޕީން ވަނީ އިލެކްޝަން ކޮމިޝަންގައި އެދިފައެވެ. ކޮމިޝަންގެ ރައީސް ފުއާދު ވިދާޅުވީ ރައްޔިތުން މަޖިލިސް އިންތިހާބު ރޯދަމަހު ބޭއްވީ ޤާނޫނު އޮތް ގޮތުން އެނޫން ގޮތެއް ނެތުމުންކަމަށެވެ. މަޖިލިސް މެމްބަރުން ޤާނޫނަށް ބަދަލު ގެންނަން ބޭނުންނުވާތީ މިހާރު ބޭއްވެން އޮތް އެންމެ ރަނގަޅު ތާރީހުގައި އިއންތިހާބު ބާއްވަނީީކަން ފުއާދު ފާހހަގަކުރެއްވިއެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓް ފޮއްޓަކަށް އެންމެ ގިނައިން ވޯޓްލާނީ 500 މީހުންކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ. މާލޭ ސަރަހައްދުގައި 200 އެއްހާ ވޯޓް ފޮށި ބެހެއްޓޭނެކަމަށް އީސީން ލަފާކުރެއެވެ.