ads
"ހިޔަލަ ވީކެންޑް މާކެޓް" ރަސްމީކޮށް ހުޅުވައިފި
ދިވެހި އަންހެން ވިޔަފާރިވެރިން އުފައްދާ ތަކެތި ވިއްކުމަށް ހާއްސަކޮށް ކޮންމެ ހަފުތާއަކު ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ "ހިޔަލަ ވީކެންޑް މާކެޓް" ރަސްމީކޮށް ހުޅުވައިފި އެވެ.
Advertisement

ރޭގައި ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މާކެޓު ހުޅުވައިދެއްވީ ފެމިލީ ޑިވެލޮޕްމަންޓު މިނިސްޓަރު ޑރ. އައިޝަތު ޝިހާމު ގެ އިތުރުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި ބީސީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒިޔާއު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އައިޝަތު ޝިހާމު ވިދާޅުވީ މި މާކެޓުން އަންހެން ވިޔަފާރިވެރިންނަށް ހުޅުވިގެންދާ ފުރުސަތުތަކުގެ ފައިދާ އެ ފަރާތްތަކުގެ އާއިލާތަކުގެ އިތުރުން މުޅި މުޖުތަމައަަށް ވެސް ކުރާނެ ކަމަށާއި އެއްތަނަކުން އެތައް އަންހެނުންނެއް އެތައް މަސައްކަތެއްގެ ތެރެއިން ބައްދަލުވެ އެއް އަމާޒަކަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދިޔުން މިއީ ގިނަ އަންހެނުންތަކަކަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެކަމުގައެވެ. 

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ ވީކެންޑު މާކެޓުތައް ހުންނަ ކަމަށާއި އެ ތަންތަނުން އާންމުންގެ އިތުރުން ފަތުރުވެރިން ވެސް ވިޔަފާރިކުރާ ކަމަށާއި ފަތުރުވެރިންގެ މިފަދަ މާކެޓުތައް ފަތުރުވެރިންގެ ތެރޭގައި ވަރަށް މަގުބޫލު ކަމެއް ކަމުގައެވެ. 

މި ހަފުތާއިން ފެށިގެން ކޮންމެ ހަފުތާ ބަންދެއްގެ ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ކުރިއަށްދާ މި މާކެޓު ބާއްވަނީ ހުޅުމާލެ ކޮންޓެއިނާ ޕާކު ސަރަހައްދުގަ އެވެ. ޖުމްލަ 10 ސްޓޯލް ހިމެނޭ މި މާކެޓުގެ ސްޓޯލެއް އަންހެން ވިޔަފާރިވެރިންނަށް ދޫކުރަން ނިންމާފައި ވަނީ ހަފުތާ ބަންދަކަށް 300ރ. ގެ މަގުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް