މިރޭ އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ގއ. ވިލިނގިލީގައ ސްޓްރޯކެއް ޖެހި ހާލު ދެރަވި 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ފަރުވާ ދިނުމަށް މާލެ ގެނައުން ސަރުކާރުގެ ސީދާ އިހުމާލުން 16 ގަޑިއިރަށް ވުރެ ލަސްވެ އެ ކުއްޖާގެ ފުރާނަ ގެއްލިފައިވާތީ އެ ޕާޓީން ހިތާމަ ކުރާކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ސަރުކާރުން ނެރުނު ބަޔާނުގައި އިމަޖެންސީގައި ބަލި މީހުން އުފުލޭނެ އިންތިޒާމުތައް ހުރިކަން ކަށަވަރުވާކަމަށާއި, އެ ވަސީލަތްތައް ބޭނުން ނުކުރާތީ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
ސަރުކާރުގެ އިސްވެރިން ޒިންމާއިން ރެކި ދައުލަތުގެ ކުންފުނިތައް ބަދުނާމު ކުރާ ކުރުން އެ ޕާޓީން ދެކެނީ ފިނޑި އަމަލެއްގެ ގޮތުގަ ކަމަށާއި، އެކަމުގައި ސަރުކާރުގެ އިސްވެރިން ޒިންމާ ނަގައި އާއިލާގެ ފަރާތުން މައާފަށް އެދުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
އެއާ އެމްބިއުލާންސްގެ ހިދުމަތް މާޗު މަހުގެ އެއްވަނަ ދުވަހު ފެށުމާ ހަމައަށް ރާއްޖޭގައި ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި ފަސްނުޖެހި ބޭނުންކުރުމަށް އެމްޑީޕީން ވަނީ ގޮވާލައިފައެވެ.
ޖާހު ނިޔާވުމާއި ގުޅިގެން ގިނަބަޔެއްގެ ފާޑުކިޔުންތައް ސަރުކާރަށް އަމާޒުވަމުން އަންނަ ދަނޑިވަޅެއްގައި މިރޭ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ޖާހުގެ ސިއްހީ ހާލަތު ސީރިއަސްވެ، އިތުރު ފަރުވާ ދިނުމަށް ގއ. ވިލިނގިލިން މާލެ ސިޓީއަށް ގެނައުމުގެ ކަންކަން ހިނގައިދިޔަ ގޮތުގެ ތަފުސީލީ މައުލޫމާތު ދެއްވުމަށާއި، އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރު ނުވާނޭގޮތަށް، ބަލި މީހުން ކުއްލި ފަރުވާއަށް ގެނެސްދިނުމުގައި ޢަމަލުކުރަމުން އަންނަ ނިޒާމު އިޞްލާޙުކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް އަންގަވައިފައިވާކަމަށެވެ.
އަދި، ބަލި ޙާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެ މަގުން ބަލި މީހަކު ގެނެސްދޭންޖެހޭ އެއްވެސް ޙާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރައްވައި، ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަކަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުޞޫލެއް ކަނޑައަޅައި، އެގޮތަށް އައިލެންޑް އޭވިއޭޝަނުން އަބަދުވެސް ޢަމަލުކުރަމުން ގެންދެވުމަށް ރައީސް މިއަދު އެދިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.