ލޯފަން މީހުންނަށް މިނިވަންކަމާ އެކު ވޯޓު ލެވޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފު ކުރި ޓެމްޕްލޭޓް ބޭނުން ކޮށްގެން އެންމެ ފުރަތަމް ވޯޓު ލާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ލޯފަން މީހުންނަށް މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ ހަތަރެއްގެ ނިޔަލަށް ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
ރަޖިސްޓްރީ ކުރުމަށް ގުޅާނީ ހޮޓްލައިން 1414އަށް ކަމަށް ހަބީބް ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، 1414 ގެ ހިދުމަތްދޭނީ ރަސްމީ ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް، އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށްކަމަށެވެ. މީގެއިތުރުން ހުކުރު ދުވަހު ހިދުމަތް ލިބޭނީ މެންދުރުފަހު 3:00 އިން ހަވީރު 6:00އަށް ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 30 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ. އިލެކްޝަންސް ކޮމިޝަނުން މައިގަނޑު ގޮތެއްގައި މިހާރު ކުރިއަށްދަނީ ވޯޓާސް ލިސްޓާއި ގުޅޭ މަސައްކަތްތަކެވެ.