އެ ކުންފުންނީގެ ބްރާންޗުތަކަށް މުވައްޒަފުން ނަގަމުން މިދަނީ ކުންފުނީގައި މުވައްޒަފުން ގިނަކަމަށް ބުނެ ގިނަ އަދަދެއްގެ މުވައްޒަފުންގެ ކޮންޓްރެކްޓް އައު ނުކޮށް ދޫކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. ފެނަކައިން މުވައްޒަފުންގެ މުސާރައަށް ކުރާ ހަރަދު ޕޭރޯލް ކުޑަނުކޮށް ކުންފުނި ދެމި ނޯންނާނެކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުހައްމަދު ރަޝީދުވަނީ މީގެކުރިން ބުނެފައެވެ. އަދި އެ ސަބަބުތަކަށްޓަކައި އެކުންފުނީގައި ކޮންޓްރެކްޓަށް މަސައްކަތް ކުރަމުން ދިޔަ 900 ވުރެ ގިނަ މުވައްޒަފުން ވަނީ މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ދޫކޮށްލާފައެވެ.
އޭގެ އިތުރުން ހއ ދިއްދޫގައި ކޮންޓެރެކްޓަށް މަސައްކަތް ކުރަމުންދިޔަ 70 މުވައްޒަފަކު މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ދޫކޮށްލާފައެވެ. މި މުވައްޒަފުން ދުކޮށްލުމަށްފަހު އެމްޑީ މުއާޒު ވިދާޅުވީ ޕްރޮޖެކްޓަށް ހިނގާ ހަރަދު މާކެޓްގައި ހުރި އަގަށްވުރެ މައްޗަށް އަރާކަމަށެވެ.
އެކުންފުނިން މީހުން ވަކިކުރި ނަމަވެސް މިދިޔަ 2 މަހެއްހާ ދުވަހުގެ ތެރޭގައި ސްޓޭޝަން މެނޭޖަރުންގެ ނަމުގައި ގިނަ އަދަދެއްގެ މުވައްޒަފުން އެކުންފުންޏަށް އަންނަނީ ނަގަމުންނެވެ. މިހާތަނަށް އެ މަގާމަށް 36 ވުރެ ގިނަ މީހުން އެކުންފުނިން ވަނީ ހޯދާފައެވެ. މި މަގާމުތަކަށް ނަގާ ގިނަ މީހުންގެ މުސާރަ ވަނީ ދެ ފަރާތް އެއްބަސްވާ އަގެއްގެ ގޮތުގައި ކަނޑައަޅާފައެވެ. މީގެއިތުރުން ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40، ހާޒިރީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %20 އަދި އިތުރު ގަޑީގެ ގޮތުގައި މުސާރައިގެ 40% އިންސައްތަ ދޭނެކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.
މީގެއިތުރުން ޓެކްނީޝަނުންނާއި ޑެޕިއުޓީ މެނޭޖަރުންނާއި އެސިސްޓެންޓް މެނޭޖަރުންނާއި ސްޕަވައިޒަރުންނާއި، އޮފިސަރުންގެ ނަމުގައިވެސް މީހުން އަންނަނީ ކުންފުންޏަށް ނަގަމުންނެވެ.
މާލޭގައި ހިންގާ ކުންފުނީގެ މައި އޮފީހަށް ޗީފް ފައިނޭންޝަލް އޮފިސަރ ، ޗީފް ހިއުމަން ރިސޯސް އޮފިސަރ، ޑެޕިއުޓި ޑިރެކްޓަރ، ސީނއަރ އޮފިސަރ، ޕްރޮޖެކްޓް މޭނޭޖަރ ކޮންސަލްޓެންޓްވެސް ވަނީ ނަގާފައެވެ.
ދަރަނި 4 ބިލިއަނަށްް އަރާ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު ވަނީ އައްޔަންކޮށްފައެވެ. އެ ކުންފުނީގެ ޑީއެމްޑީންގެ ގޮތުގައި އައްޔަންކޮށްފައިވަނީ އިބްރާހިމް ނާއިފާއި ހުސެއިން ޒަރީރެވެ.