ads
ޒޯން ޕެޓިޝަން ފެށިއްޖެ!
ޒޯން ވޯޓް ނުލާ މިފަހަރު "ވަގު ކޮންގްރެސް" އެއް ބޭއްވިޔަދީގެންނުވާނެ އެވެ! ފީފާގެ 22 ޖެނުއަރީ 2024 ގެ ޖަވާބު ސިޓީން އެންގީ އާ އިންތިހާބަކަށް ތައްޔާރުވާށެވެ.

އިންތިހާބު ހިންގާނީ އެފްއޭއެމް ގެ ސްޓެޓިއުޓްސް އާއި އިލެކްޓޯރަލް ކޯޑާ އެއްގޮތަށް، އަކުރުން އަކުރަށް ކަމަށެވެ. އިންތިހާބުތައް ދެން ހިންގާނީ ފީފާ އާއި އޭއެފްސީ ގެ ޓެކްނިކަލް އެހީ އާ އެކުގައި ކަމަށެވެ. 

ކުޅިވަރު ކުޅެއުޅުއްވި ބޭބޭފުޅުން ރާއްޖޭގެ ރައީސްކަން ކުރައްވައިފިއެވެ. އެހެން ނަމަވެސް މިއިން އެއްވެސް ރައީސަކަށް ސްޕޯޓް މެނެޖްމަންޓްގެ ރޮނގުން ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދިފައެއް ނުވެއެވެ. ކުޅިވަރު ބަޖެޓް 50 މިލިއަނުން 300 މިލިއަނަށް ދުޅަވެފައި އެވަނީ ދަނޑުއަޅާ ޕްރޮޖެކްޓްތަކާއި ކަމިޝަންތަކުންނެވެ!

"މެމްބަރު ކްލަބްތަކުން މިވަގުތު ކުރަންވީ އެންމެ މުހިންމު ކަމަކީ، ފުޓުބޯޅަ އެސޯސިއޭޝަންގެ ސްޓެޓިއުޓްސް (އަސާސީ ގަވާއިދު) އާއި އިލެކްޓޯރަލް ކޯޑް (އިންތިހާބު ހިންގުމުގެ އިޖްރާއަތްތައް) ޒިންމާދާރު ކަމާއިއެކު ކިޔާ ފަރިތަކޮށް ރަނގަޅަށް ދެނެގަތުމެވެ. ތާއީދުކުރާނެ ކެންޑިޑޭޓެއް ކަނޑައެޅޭނީ ފުޓުބޯޅަ މެނެޖްމަންޓަށް ހޭލުންތެރިވެގެންކަން މި ހާދިސާއިން އަނެއްކާވެސް ރަމްޒުކޮށްދޭނެއެވެ.!"

ސްޕޯޓްސް މެނެޖްމަންޓް

ސްޕޯޓް މެނެޖްމަންޓްގެ ފަންނުވެރިކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން، ކްލަބްތަކާ އެސޯސިއޭޝަންތައް ރެގިއުލޭޓްކުރެވިފައެއް ނުވެއެވެ. ނަތީޖާއަކަށް މިވީ، އެންމެފަހުން ފީފާއިން ރާއްޖެ އަރާ، ގައުމީ ފުޓުބޯޅަ އިންތިހާބު ހިންގައިދޭން ޖެހުމެވެ. ކޮމިޝަނަ އޮފް ސްޕޯޓްސްގެ މެންޑޭޓް ތަންފީޒުކުރެވޭ ވަރުގެ ވެރިއަކު އައްޔަނެއް ނުކުރެވުނެވެ. 

މިޒަމާނުގައި ކޮމިޝަނަރުކަން ކުރެވޭނީ ފުންނާބުއުސް ގާނޫނީ ވަކީލަކަށެވެ. އެފަދަ ލޯޔަރަކީ ސްޕޯޓްސް ލޯ ގެ ގްރެޖުއޭޓަކަށްވުން އައުލާކަން ބޮޑެވެ. ކުޅިވަރަކީ ސިޔާސީ ހަތިޔާރެއް ނޫނެވެ. ކުޅިވަރަކީ އިޖްތިމާއީ، އަދި އިގްތިސާދީ ތަރައްގީގެ ބާރުގަދަ ވަސީލަތެކެވެ.

ސްޕޯޓް މެނެޖްމަންޓްގެ އުންސުރުތައް

ކުރީގެ ސްޕޯޓްސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެއްކަމުގައިވާ ޑރ. މުހަންމަދު ޒާހިރު ހުސެއިން ވިދާޅުވީ "ކުޅިވަރަކީ ކުޅިވަރެއް ނޫނެވެ!". އެއީ ވަރަށް ވެސް ބޮޑު ތެދުފުޅެކެވެ. މިގަރުނުގެ ކުޅިވަރު މެންޖްމަންޓްގެ އެންމެ މުހިންމު ދެ އުންސުރަކީ، ތެދުވެރިކަމާއި، ބައިވެރިކުރުމުގެ ރޫހެވެ. އެއީ "އޮނަސްޓީ" ގެ އުންސުރާ "އިންކްލޫޝަން" ގެ އުންސުރެވެ.

އެފްއޭއެމް ވަނީ މި ދެ އުންސުރާ ވެސް ޚިލާފްވެފަ އެވެ. ދެ އުންސުރު ވެސް މުގުރާލާފަ އެވެ. ތެދުވެރިކަން ގެއްލި ވައްކަމުގެ ތޫފާނެއްގެ ތެރޭގައެވެ. ފުޓުބޯޅައިގެ ދާއިރާ ހަނިކޮށް، "ފުޓުބޯޅަ ކާޓެލް" އެއްގެ ތެރެއަށް ބާރުތައް އެއްކޮށް، މަރުކަޒުކޮށްފައެވެ. އަތޮޅުތެރޭގެ ކްލަބްތައް އެވަނީ ބައިވެރި ކުރުމުގެ އުންސުރާ ޙިލާފަށް އެކަހެރި ކޮށްފައެވެ. ކޮންގްރެސްގައި ބައިވެރި ނުކޮށް، ނެތް ބަޔަކަށް ހަދާ ބޭރުކޮށްފަ އެވެ.  

މިފަހަރަކީ ޒޯންތަކުގެ ފަހަރުކަމަށް ހަދަމާތޯއެވެ! 

އަތޮޅުތެރޭގެ ކްލަބްތަކުގެތެރެއިން ވޯޓު ލުމުގެ ހައްގުނުލިބި ފަސްދޮޅަސް ޒޯން ކަލްބް އެބައޮތެވެ. ފުޓުބޯޅައަށް އިންގިލާބީ ބަދަލެއް ގެނެވޭނީ އަތޮޅުތެރޭގެ ކްލަބްތައް ބައިވެރިކޮށްގެނެވެ. ފުޓުބޯޅަވެސް ލާމަރުކަޒު ކޮށްގެނެވެ. ފުޓުބޯޅަ ލާމަރުކަޒު ނުކުރެވިފައިމިވަނީ ސްޕޯޓް މެނެޖްމަންޓްގެ ފަންނުވެރިކަން ރާއްޖޭގައި އަގުނުކުރެވުމުންނެވެ.

ބޯޅަކުޅެން އެނގުމަކީ، ނުވަތަ "ޑިގްރީ" އެއް އޮތުމަކީ ކުޅިވަރު މެންޖްމަންޓްގެ ފަންނުވެރިކަން އަށަގަންނަ ކަމެއްކަމުގައި ދެކިގެންނެވެ. ކުޅިވަރުގެ ސައިންސާ، ފަލްސަފާއާއި، މެނެޖްމަންޓަކީ ރާއްޖޭގައި މަދު ފަންނެކެވެ. ރަނގަޅު ސިޔާސަތު އުފެއްދުމަށް ބޭނުންވެފައިވާ ހުނަރެކެވެ.  

ޒޯންވޯޓް ކަށަވަރުކުރުން

ޒޯން ވޯޓް ކަށަވަރު ކުރުން މުހިންމުވަނީ، ޒޯންތަކަކީ މިވަގުތު ވެސް، އަތޮޅުތެރޭގެ 64 ކްލަބް ތަމްސީލްކުރާ ވޯޓަށް ވާތީ އެވެ. މާލޭގައި ކުޅޭ ވޯޓް ހައްގުވާ އޮންނަނީ އެންމެ 18 ކްލަބެވެ. ވޯޓް ބެހިފައި އޮތީ އެންމެ އިންސާފުވެރިގޮތަކަށް ނޫނެވެ. މާލެއަށް 26 ވޯޓް އޮތްއިރު އަތޮޅުތެރެއަށް އޮތީ އެންމެ 9 ވޯޓެވެ. މިކަން އޮތީ ބަދަލު ކުރަން ޖެހިފައެވެ. ވީމާ ކުރިއަށް އޮތް ކޮންގްރެސް އެއްވުންތަކަކީ، މި ކްލަބްތަކުގެ ލޮބީ ވަރުގަދަކޮށް، ކޮންމެ ޒޯނަކުން ހަ ކްލަބް ބައިވެރިކުރަން ކޮންގްރެސްއަށް ޕެޓިޝަންއެއް ހުށަހަޅަން އޮތް ފުރުސަތެކެވެ. އަދި މިގޮތަށް ސްޓެޓިއުސްގެ އާޓިކަލް 10 އާއި 22 ގެ (c) އިސްލާޙް ކުރުމުގެ ފުރުސަތު އޮތް ފަހަރެކެވެ.      

ޒޯން ވޯޓްގެ މައްސަލައަކީ ޒަމާންތަކެއް ވެފައިވާ މައްސަލައެކެވެ. އެގިފައިވާގޮތުގައި ކޮންގްރެސްތަކުގައި ޒޯން މަންދޫބުން ބައިވެރިއެއް ނުކުރެއެވެ. މިއީ އެފްއޭއެމްގެ އިލެކްޓޯރަލް ކޮލެޖްގެ ހަތަރުބައިކުޅަ އެއްބައެވެ. އަދި އިންތިހާބުތަކާ ގުޅިގެން ކްލަބްތައް ކެންޑިޑޭޓުންގެ ފަހަތަށް އަރާ ފަޅިފަޅި ވާވަގުތު، ޒޯން ވޯޓަކީ މެޖޯރިޓީ ކަނޑައަޅާ ވޯޓަށް ވެއެވެ.

މިސާލަކަށް، ފީފާއިން ކެންސަލްކުރި އިންތިހާބުގެ ވޯޓްބެހިފައި އޮތީ ދެ ކެންޑިޑޭޓަށް އެއްވަރަށެވެ. ކެންޑިޑޭޓަކަށް 13 ވޯޓެވެ. އެއްވެސް ކެންޑިޑޭޓަކަށް މެޖޯރިޓީއެއް ނުލިބެއެވެ. 35 ވޯޓްގެ މެޖޯރިޓީއަކީ 18 ވޯޓެވެ. ވީމާ ކުރިއަށް އޮތް އިންތިހާބުތަކުގައި ޒޯން ވޯޓަކީ "ކިންގް މޭކަ" ވޯޓަށް ވުމަކީ ގާތްކަމެކެވެ.

ޒޯން ވޯޓްގެ މައްސަލަ

ޒޯންތަކަށް އޮންނަ 9 ވޯޓަކީ ސްޓެޓިއުޓްސްގެ އާޓިކަލް 10 ގެ ކްލޯސް 1 ގެ (c) އާއި، އާޓިކަލް 18 ގެ ކްލޯސް 1 އާއި، އާޓިކަލް 22 ގެ ގެ ކްލޯސް 1 ގެ (c) ގެދަށުން ލިބިފައިވާ ހައްގެކެވެ. 18 ވަނަ މާއްދާގައި ޒޯންތަކަށް ނިސްބަތްކޮށް ބޭނުންކޮށްފައިވާ އިބާރާތަކީ، "ރީޖަނަލް އެސޯސިއޭޝަންސް" އެވެ.

your imageއެފްއޭއެމް ސްޓެޓިއުޓްސްގެ އާޓިކަލް 18.

ސްޓެޓިއުޓްސްގެ އާޓިކަލް 18 ގެ 1 އިން މި ޒޯންތައް ރެގިއުލޭޓްކުރުމުގެ ގަވާއިދު އެކުލަވާލުން ވަނީ އެގްޒެކެޓިވް ކޮމިޓީގެ ވާޖިބެއް ގޮތުގައެވެ. އެހެންނަމަވެސް ރައީސް ބައްސާމްގެ އެގްޒެކެޓިވް ކޮމިޓީން ތެދުވެރިއެއް ނޫނެވެ. މި ރެގިއުލޭޝަންސް އުފައްދާފައެއް ނުވެއެވެ. ވީމާ ޒޯންތައް އެއީ ނެތް ބަޔަކަށްހަދާ، ވޯޓްލުމުގެ ހައްގު ނުދީ "އިންކްލޫޝަންގެ" އުންސުރާ ހިލާފަށް އެކަހެރިކުރީ އެވެ.

ފީފާގެ އެންގުން

ފީފާ އިން އަންގާފައިވަނީ އިލެކްޓޯރަލް ކޮމިޓީ އާއި، އިލެކްޓޯރަލް އެޕީލް ކޮމިޓީ އިންތިހާބު ކުރާށެވެ. އަދި މި ދެކޮމިޓީގެ މްމެބަރުން އިންތިހާބުކުރަން ކޮންގްރެސް އެއްކުރާށެވެ. ކޮންގްރެސް އެއްވާއިރު ޒޯން ވޯޓްލާ މަންދޫބުން ތިބޭނެތޯ ނުވަތަ ނޫންތޯ، އެއީ އެފްއޭއެމްގެ އެގްޒެކެޓިވް ކޮމިޓީން ސްޓެޓިއުޓްގެ އަށާރަވަނަ މާއްދާއިން ކަށަވަރުކޮށްދޭންޖެހޭ ކަމަކެވެ.

ފީފާފެ ގެ ސިޓީން މިފަދަ މައްސަލަތައް ފާހަގަކޮށްފައި ނުވަނީ، ފީފާ އިން ދެކޭނީ މިފަދަ މައްސަލަތައް މިހާރު ހުންނާނީ ހައްލުކޮށްފައިކަމަށެވެ. އެއީ މައްސަލަ ހައްލުކުރާނެގޮތް ސްޓެޓިއުޓްސް ގެ އާޓިކަލް 18 ގެ 1 ވަނަ ނަމްބަރުން ސާފުކޮށް އެނގެން އޮންނާތީއެވެ. ވީމާ މިގަވާއިދު ނުހަދާ ޒޯންވޯޓާނުލާ ކުރިއަށްދާން އުޅެއްޖެނަމަ، މިކަންވެސް ކޮށްގެންނޫނީ ކުރިއަށް ނުދެވޭނެކަންވެސް އަންގާނެއެވެ. އިލެކްޓޯރަލް ކޮމިޓީ އިންތިހާބުކުރަން ކޮންގްރެސްއަކަށް ގޮވާލާއިރު، ޒޯންވޯޓް ކަށަވަރުކޮށްދިނުމަށް އެގްޒެކެޓިވް ކޮމިޓީން މިފަހަރު ގަވާއިދު ހަދާ އިއުލާނުކުރަންޖެހޭނެއެވެ. އަދި މިގަވާއިދުގެ ދަށުން ޒޯންކްލަބްތައް، ޒޯންތަކަށް އެއްވެ، އެޒޯން ތަމްސީލްކުރާ މަންދޫބު އިންތިހާބުކުރުމުގެ ފުޜުސޮތު ދޭންވާނެއެވެ.

ފީފާގެ އެންގުންތަކާގުޅިގެން އެފްއޭއެމުން، އެގްޒެކެޓިވް ކޮމިޓީ ބައްދަލުކުރުމަށްފަހު، 25 ޖެނުއަރީ ވީ ބުރާސްފަތި ދުވަހު އަމަލުކުރާނެގޮތް އިއުލާނުކުރާނެކަމަށް ބުނެފައިވެއެވެ. އެބައްދަލުވުމުގެ އެޖެންޑާގައި މިމަސައްސަލަ ނެތްނަމަ، އެސޯސިއޭޝަނަށް ޕެޓީޝަން ލިބުމުން، އެގްޒެކެޓިވް ކޮމިޓީން ކުރަންވީ މަސައްކަތް ސާފުވާނެކަން ޔަގީނެވެ.  

ޒޯން ޕެޓިޝަން

އެފްއޭއެމް ސްޓްޓިއުޓްސްގެ އާޓީކަލް 22 ގެ ކްލޯސް 1 ގެ (c) ގެ ދަށުން ޒޯންތަކަށް ލިބިފައިވާ ވޯޓްލުމުގެ ހައްގުވަނީ ނުލިބިއެވެ. ވީމާ މިހައްގު ހޯދަން ތެދުވުމަކީ ޒޯންކްލަބްތަކުގެ މަޝްއޫލިއްޔަތެކެވެ. ނިމިގެންދިޔަ ސީޒަންގައި ލީގްކޮލިފިކޭޝަންގައި ބައިވެރިވި ކޮންމެ ކްލަބަކީ ޒޯންކްލަބްކޯޓާގެތެރޭ ރަޖިސްޓަރީކުމުގެ ފުރުސޮތު އޮތް ކްލަބަކަށް ވާނެއެވެ.

ޒޯން ޕެޓިޝަންގެ މަސައްކަތް ވިލަރެސްކުރުމަށް "ސޭވް އެފްއޭއެމް" ގްރޫޕުން މިހާރުވަނީ މަސައްކަތް ފަށާފައެވެ. މިގޮތުން މިދިޔަ ސީޒަންގައި ލީގްކޮލިފިކޭޝަންގައި ބައިވެރިވި ކްލަބްތަކުން މިޕެޓިޝަން ސިޓީގައި ސޮއިކުރުމުގެ އިންތިޒާމްތައް ހަމަޖެހި، ކްލަބުން މިޕެޓިޝަންގައި ސޮއިކުރަމުން އެބަދެއެވެ.

ރާއްޖެތެރޭގެ ކްލަބުތަކުން އެދެނީ، ޒޯން އެސޯސިއޭޝަންތަކުގެ ރެގިއުލޭޝަންސް އިއުލާނުކޮށްދިނުމަށެވެ. ޒޯންކްލަބްތަކުން އެދެނީ އެފްއޭއެމް ސްޓެޓިއުޓްސްގެ އާޓިކަލް 18 ކްލޯސް 1 ގައިއެވާ ގަވާއިދު އިއުލާނުކޮށްދިނުމަށެވެ. އަދި އިލެކްޓޯރަލް ކޮމިޓީއާއި، އިލެކްޓޯރަލް އެޕީލްކޮމިޓީ މެމްބަރުން އިންތިހާބުކުރުމުގެ ކުރިން، ޒޯންތަކަށް ވޯޓްދިނުމުގެ ހައްގު ކަށަވަރުކޮށްދިނުމަށެވެ.   

your imageޒޯން ޕެޓިޝަން

މިޕެޓިޝަން ސިޓީ ފޮނުވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލަށެވެ. ކޮޕީކޮށްފައިވާނީ، ފީފާ، އޭއެފްސީ، ކޮމިޝަނަރ އޮފްސްޕޯޓްސް އަދި އެކްލަބެއްގެ އަތޮޅު ކައުންސިލަށެވެ.

އެޑިޓަރުގެ ނޯޓް:

ހާމިދު އަބްދުލްޣަފޫރަކީ ކުޅިވަރު ހިންގުމުގެ ދާއިރާ އިން މަތީ ތައުލީމު ހާސިލް ކުރައްވައި އަދި އެ ދާއިރާއިން އަމަލީ ގޮތުން އެތައް ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ. ހާމިދު ޢަބްދުލްޣަފޫރަކީ، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކެރެޓްރީ ޖެނެރަލްކަމުގެ އިތުރުން ކުޅިވަރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ކަން ކުރައްވާފައިވާ ބޭފުޅެކެވެ. ހާމިދަކީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ކައުންސިލްގައި ސްޕޯޓްސް، އާޓްސް އެންޑް ކަލްޗާގެ ދާއިރާގެ ބޭފުޅެއްގެ ހައިސިއްޔަތުން އިންނެވި ބޭފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް