ޑިމޮކްރެޓްސް މިކަން ހާމަ ކޮށް ނެރުން ބަޔާނުގައި އެ ޕާޓީން ބުނެފައިވަނީ އައިސީޖޭއިން އަމުރުކޮށްފައިވާ ވަގުތީ ފިޔަވަޅުތަކުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންގެ ތަކުލީފުތަކަށް ލުއިކަމެއް ދިނުމަށް އަދި ފަލަސްތީނުގެ ރައްޔިތުންނަށް އިތުރު ގެއްލުމަކުން ރައްކާތެރިކުރުމުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމުގައެވެ. ނަމަވެސް ހަމައެކަނި ވަގުތީ ފިޔަވަޅުތަކުގެ މައްޗަށް ކޯޓުން ނެރުނު އަމުރު ފުއްދާލެވެން ނެތްކަމަށާއި ފަލަސްތީނުގެ ރައްޔިތުންނާއި ހިފާފައިވާ ގައްޒާގައި، މިއަދު ކުރިމަތިވެފައިވާ ކުރިން ނުފެންނަ އަދި އިއާދަނުކުރެވޭ ތަކުލީފު ނިމުމަކަށް ގެނައުމަށްޓަކައި ވަގުތުން ހަނގުރާމަ ހުއްޓާލުމަކީ ހަމައެކަނި ގަބޫލުކުރެވޭ އަދި އެކަށީގެންވާ ވަސީލަތެވެ.ޑިމޮކްރެޓުން ފަލަސްތީނުގެ ރައްޔިތުންނާއެކު ވަރުގަދައަށް ތެދުވެ، ދުނިޔޭގެ ކޮންމެ ތަނެއްގައި ތިބި ނަމަވެސް، ކިތަންމެ ބޮޑު ބާރެއް ނުވަތަ ކުޑަ ބާރެއް ކަމުގައި ވިޔަސް ކޮންމެ ދުވަހަކުވެސް މިކަމާއި ދެކޮޅަށް އަޑުއުފިލަންޖެހޭނެ ކަމަށާއި، މެދުނުކެނޑި އިސްރާއީލުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް ކުރާ ލާއިންސާނީ އަމަލުތައް ދިވެހިން ކުށްވެރި ކުރަން ޖެހޭކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެ އެވެ.
އައިސީޖޭގެ އަމުރަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު ރިޔާދު އަލް-މާލިކީ ވަނީ ވަގުތުން މަރުހަބާ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ، ކޯޓުގެ ފަނޑިޔާރުން ނިންމެވީ އިންސާނިއްޔަތާއި ބައިނަލްއަގުވާމީ ގާނޫނާ އެއްކޮޅަށް ކަމަށެވެ.
އައިސީޖޭގެ ނިންމުންތަކަށް އަމަލުކުރުން ލާޒިމެވެ. ނަމަވެސް އެ ނިންމުންތައް ތަންފީޒުކުރާނެ ނިޒާމެއް ނެތުމުން، ޔަހޫދީ އިޒްރޭލަށް މިއަދުގެ އަމުރަށް އަމަލުނުކޮށް ވެސް އޮވެވިދާނެ އެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީން ފެށި އުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު މިހާރު ވަނީ 26000 ފަހަނަ އަޅާފަ އެވެ.