އެ ޕާޓީން ބުނީ ދަ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު މި ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައި އެގޮތަށް އަމަލުކުރައްވަމުންގެންދަވާކަން ފާހަގަކުރެވޭ ކަމަށެވެ.
ދައުރުން ބޭރުގައި މިއަދު ބާއްވާ މަޖިލީހުގެ ޖަލްސާގައި ވަނީ ސަރުކާރުގެ ވަޒީރުންނަށް ރުހުން ދިނުމަށް އެޖެންޑާކޮށްފައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރި ކޮމެޓީން އޭރު ނިންމާފައި އޮތީ ހުރިހާ ވަޒީރުންނަށް ރުހުންދިނުމަށެވެ.
ހުރިހާ ވަޒީރުންނަށް ރުހުން ނުދޭން ނިންމާ ދަ ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެ ޕާޓީން ގަބޫލުކުރާގޮތުގައި ރައްޔިތުންގެ ފަރާތުން ސަރުކާރު ޖަވާބުދާރީކޮށް، ޑިމޮކްރެޓިކް ހެޔޮވެރިކަމުގެ ނިޒާމެއް ގާއިމުވެފައި ބޭއްވުމަށް، ވަރުގަދައަށް ސާބިތުވެ އޮންނަ އިދިކޮޅު ސިޔާސީ ޕާޓީ އާއި އިދިކޮޅު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިބުމަކީ ކޮންމެހެން މުހިއްމުކަމެެއްކަމަށެވެ.
ސަރުކާރު އަމަލުކުރަމުންދާ ގޮތްތައް ގާތުން ބަލައި ސަރުކާރާއި ކެބިނެޓްގެ ވަޒީރުން ޖަވާބުދާރީކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ މަސްއޫލިއްޔަތުތަކުގެތެރޭގައި ހިމެނޭކަމެއްކަމަށްވެސް އެޕާޓީން ބުނެެއެވެ. އަދި އިދިކޮޅު ޕާލަމެންޓްރީ ގްރޫޕެއްގެ ގޮތުން މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ ފުރިހަމަ ޒިންމާދާރުކަމާއި ތެދުވެރިކަމާ އެކުގައިކަމުން ވަޒީރުންނަށް ރުހުން ދިނުމުގައި ވެސް މި ޕާލަމެންޓްރީ ގްރޫޕުން އަމަލުކުރާނީ އެގޮތުގެމަތީންކަމަށް ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައިވެއެވެ.