ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހުގެ ނިޔަލަށް ޖެނީވާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މައި އޮފީހުގަ އެވެ.
މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެފައި ވަނީ އެގެޒެކެޓިވް ބޯޑު މެންބަރެއްގެ ގޮތުގަ އެވެ. މި ބައްދަލުވުމުގައި އެޖެންޑާ ކުކެވިފައިވާ ކަންތައްތަކުގެ މަޝްވަރާތަކުގައިވެސް ރާއްޖެއިން ބައިވެރިވެފައިވެ އެވެ.
ހެލްތު މިނިސްޓްރީ އިން ހާމަކޮށްފައިވާގޮތުގައި ދުނިޔޭ އެކި ސަރަހައްދުތަކަށް ކުރިމަތިވަމުންދާ ސިއްހީ ނުރައްކަލުގެ ހާލަތްތަކުގައި އެކަށީގެންވާގޮތުގައި އިޖާބަދިނުމަށް ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސިއްހީ ދާއިރާއަށް އަމާޒުކުރެވިފައިވާ ކަންތައްތައް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގޮސްފައިވާ މިންވަރާއި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް މަޝްވަރާ ކޮށްފައިވެ އެވެ.
ޔުނިވާސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހަޅާފައިވާކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެ އެވެ.
މީގެ އިތުރުން ދިވެހި ރާއްޖެއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ސިއްހީ ނިޒާމު ތައްޔާރުވުމާއި ރާއްޖެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރައިމަރީ ހެލްތުކެއަރގެ އުސޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރުމުގެ އިތުރުން ރާއްޖެއިން ނައްތާލުމަށް ކަނޑައަޅާފައިވާ ޓީބީ އަދި އެހެން ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މެމްބަރު ގައުމުތަކުގެ އެއްބާރުލުމަށް އެދި ހުށަލަޅާފައިވާނޭ ކަމަށް ވެސް ހެލްތު މިނިސްޓްރީ އިން ހާމަކުރެ އެވެ.
މި ބައްދަލުވުމުގައި 2023 ގެ ސިއްހަތު ޖަމިއްޔާގެ 76 ވަނަ ވަރލްޑު ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 77 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާގެ މައްޗަށްވެސް މަޝްވަރާކޮށްފައިވެ އެވެ.