ads
އައިޖީއެމްއެޗް ގައި މީހުން ޑޮކްޓަރަށް ދައްކަން ގޮސް - ފޮޓޯ: މިހާރު
ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ފެނިއްޖެ
ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ބައްޔެއް ކަމަށްވާ، ހޯއްގޮވާ ކެއްސުން ބަލީގެ އިތުރު ކޭސްއެއް ގއ. ވިލިނގިލިން ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) މިއަދު ބުނެފި އެވެ.

ހޯއްގޮވާ ކެއްސުން ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިންނެވެ. މި ބަލި ޖެހުމުން ފުރަތަމަ ފެންނާނީ އާންމު ރޯގާތަކުގައި ވެސް ފެންނަ އަލާމާތްތަކެވެ. އޭގެ ތެރޭގައި ނޭފަތް ބެދުމާއި ނޭފަތުން ފެން ފޭބުމާއި ހުން އައުމާއި ކުޑަކޮށް ކެއްސުން ހިމެނެ އެވެ. އަދި ބަލި ޖެހޭތާ ހަފުތާއެއްހާ ދުވަސް ފަހުން ވަރަށް ބޮޑަށް ކެއްސާއި މި ކެއްސުން ދިގު މުއްދަތަކަށް ދިގުލައިގެން ދެ އެވެ. ތުއްތު ކުދިންނަށް މީގެ އިތުރުން ވެސް ބައެއް އަލާމަތްތައް ފެނިދާނެ އެވެ.

ކުއްލިކުއްލިއަށް ކެއްސުމާއި ކެއްސުމަށް ފަހު ހޮޑުލެވުމާއި ބައެއް ކުދިން ކެއްސުމަށް ފަހު ނޭވާލާއިރު، އަޑެއް (ހޯއް ގޮވުން) އިވެ އެވެ. އަދި ތުއްތު ކުދިން ކެއްސުމުގެ ބަދަލުގައި ދޭތެރެދޭތެރެއިން ވަގުތުކޮޅަކަށް ނޭވާ ހުއްޓާލަފާނެ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، މި ކޭސްއަކީ ކުރިން ފެނުނު ކޭސްތަކާ ގުޅުން ހުރި ކޭސްއެއް ކަމެއް މިހާތަނަށް ބެލި ބެލުމަށް އެންގިފައިނުވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ، ބަލި ފެތުރުން، މަދު ކުރުމަށް ގއ. އަތޮޅު ހޮސްޕިޓަލްގައި ޓާސްކްފޯހެއް އެކުލަވާލައި ކޮންޓެކްޓް ޓްރޭސިންނާއި ކޮންޓެކްޓުންގެ ތެރެއިން އަލާމާތްތައް ހުރި ފަރާތްތަކަށް ބޭސް ދެމެން އަންނަ ކަމަށެވެ.

އަދި، ހަތް އަހަރުން ދަށުގެ ކުދިންގެ ތެރެއިން ވެކްސިން ފުރިހަމަ ނުކުރާ ކުދިން ދެނެގަނެ ވެކްސިން ދިނުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށާއި މި ބައްޔާއި ގުޅުންހުރި 161 ކޮންޓެކްޓުން ހޯދިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ކުއްޖަކަށް ނުވަތަ މީހަކަށް މި ބަލި ޖެހިއްޖެ ނަމަ، ބަލީގެ މާ ބޮޑު އަލާމާތްތަކެއް ނުފެނިދާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

މި ބައްޔަށް ދެވޭ ފަރުވާއަކީ އާންމުކޮށް ވެސް ދެވޭ އެންޓިބައޮޓިކްއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް