ads
ރުހުން ނުދޭނެ ވަޒީރުންގެ އަދަދު އިތުރުވުން ގާތް: އެމްޑީޕީ
ރައްޔިތުންގެ މަޖިލީހުގައި މިއަދު ހިނގި ކަންތައްތަކުގެ ސަބަބުން ރުހުން ނުދޭން ނިންމާ ވަޒީރުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް މަޖިލީހުގެ ނައިބު ރައީސް، ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
Advertisement

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން އިއްޔެ ޖަލްސާއެއް ބޭއްވި އެވެ. އެހެން ނަމަވެސް ވޯޓަށް އަހަން ކައިރިވެފައިވަނިކޮށް ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ޕީޖީ ގްރޫޕުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން މައްސަލަ ހޫނުވެ، ޖަލްސާ ކުރިއަށްގެންދެވޭ ގޮތެއް ނުވި އެވެ.

އިއްޔެގެ ޖަލްސާގައި ތިން ފަހަރަށް ވޯޓަށް އަހަން މަސައްކަތް ކުރި ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މަޖިލީހުގެ ރިޔާސަތަށް އެ ފުރުސަތު ނުދެއްވި އެވެ. އެގޮތުން އިއްޔެ މެންދުރާއި ރޭ ވެސް ވޯޓަށް އަހަން މަސައްކަތް ކުރި އެވެ.

އިއްޔެގެ ޖަލްސާ ކުރިއަށް ގެންދަން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ހުރަސް އެޅުއްވީ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް އިން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމާ ގުޅިގެން އެކަމާ ދެކޮޅުގެ ހެއްދެވުމުގެ ގޮތުންނެވެ.

މަޖިލީހުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގެ ތެރޭގައި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމަށް އަނިޔާވެގެން އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

އިއްޔެ ހެނދުނު ޖަލްސާ ފެށުނު ފަހުން ނިމެންދެން ސަރުކާރުގެ މެމްބަރުން މަޖިލީހުގެ ނިޒާމު ގެއްލުވާލުމަށްޓަކައި އަޑުގަދަކޮށް ރިޔާސަތަށް ހުރަސް އަޅައި ހެދިއިރު، ސަރުކާރުގެ އިސް ވަޒީރާއި ބައެއް މިނިސްޓަރުންނާއި ސްޓޭޓު މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން އަދި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދިޔައީ މަޖިލީހުގެ ބޭރުގައި މުޒާހަރާ ކުރަމުންނެވެ.

މަޖިލީހުގެ އިދާރާގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިއްޔެ ހިނގި ކަންތައްތަކާ ގުޅިގެން އެއްވެސް ވަޒީރަކަށް ރުހުން ދޭން ބޭނުން ނުވާ ކަމަށް އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުން ވިދާޅުވެފައިވާ ކަމަށާއި ރުހުން ނުދޭން ނިންމާ ވަޒީރުންގެ އަދަދު އިތުރުވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރުނީ ފްރީ ވިޕެއް ކަމަށާއި ސަރުކާރަށް ތާއީދުކުރާ މެމްބަރުން އިއްޔެ މަޖިލީހުގައި ހިންގި ކަންކަމަކީ މުޅިން ބޭކާރު ކަންތައްތަކެއް ކަމަށް ސަލީމް ވިދާޅުވި އެވެ.

"އެ ހުރިހާ ކަމެއް ހިނގާ ދިޔުމުން އަޅުގަނޑުމެންގެ ވިސްނުންތަކަށް ވެސް ބަދަލުތައް އަންނާނެ. އަޅުގަނޑު މިހެން ދެންނެވިޔަސް ފައިނަލް ވޯޓުން އޭގެ ނަތީޖާ އަޅުގަނޑުމެންނަށް އެނގޭނީ،" ސަލީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތަށް ހުރަސްއެޅި މަންޒަރު ކަމަށައީ މަޖިލީހަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ފެނުނީ ބާރާއި ނުފޫޒު އޮތް ފަރާތްތަކުން އެ ބާރާއި ނުފޫޒު ބޭނުންކޮށްގެން މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅި މަންޒަރު ކަމަށް ސަލީމް ވިދާޅުވި އެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބުނެފައި އޮންނާނެ ވަޒިރުންނަށް ރުހުން ދިނުމުގައި ރައްޔިތުންގެ މަޖިލީހަށް ބެލިދާނެ ކަމަށް އެކަމަށް އޭނާ އެކަށީގެންވޭތޯ ނުވަތަ ނޫންތޯ،" ސަލީމް ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމް ޕީއެންސީ އިން ގަބޫލުކުރާ ގޮތުގައި ވަޒީރުންނަށް ރުހުން ނުދޭން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުންކޮށް ސަރުކާރު ހުއްޓުވާލުމަށެވެ.

އެމްޑީޕީން އިއްޔެ ބޭއްވި ޕީޖީ ބައްދަލުވުމުގައި ނިންމާފައިވަނީ، އެޓާނީ ޖެނެރަލް އަހުމަދު އުޝާމާ އެކު އިތުރު ތިން ވަޒީރުންނަށް ރުހުން ނުދިނުމަށެވެ. އެ ބޭފުޅުންނަކީ؛

  - ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު

  - އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

  - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

މަޖިލީހުން މިހާރު ވަނީ މިއަދަށް ދެވަނަ ޖަލްސާ އެޖެންޑާ ކޮށްފަ އެވެ. ޖަލްސާގެ އެޖެންޑާ އިއުލާންކޮށްފައިވާ އިރު، އެޖެންޑާގައި ހަމައެކަނި އޮތީ ވަޒީރުންނަށް ރުހުން ދިނުމާ މެދުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ހުށަހެޅި ރިޕޯޓާ މެދުގައި ގޮތެއް ނިންމުމެވެ. 

މިއަދު ޖަލްސާ އޮންނާނީ ހެނދުނު 11:00 ގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް