ads
އިސްލާމިކް މިނިސްޓަރު ޝަހީމަށް މަޖިލީހުގެ ރުހުމެއް ނުލިބުނު..!
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން މަޖިލީހުން ފާސްކޮށްފި އެވެ.
Advertisement

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ފެންނަ ކަމަށް 31 މެމްބަރުން ވޯޓު ދެއްވި އެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެމްބަރުން ނެވެ. ވަކި ގޮތަކަށް ވޯޓު ނުދެއްވާ އަށް މެމްބަރުން ތިއްބެވި އެވެ.

ޝަހީމްގެ އިތުރުން މިއަދު މަޖިލީހުގެ ރުހުން ނުލިބުނީ ދެ ވަޒީރަކަށެވެ. އެއީ:

1. ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ނުދިނުމަށް ފާސްވީ 46 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ހައިދަރަށް ރުހުން ދޭން ފެނުނީ 24 މެމްބަރުންނަށެވެ.

2. ބަންޑާރަ ނައިބު އަހުމަދު އުޝާމަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެމްބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުން ނެވެ.

ނުރުހުން ނުދޭން އެންމެ ފުރަތަމަ ނިންމީ ބަންޑާރަ ނާއިބު އުޝާމަށެވެ. އޭގެ ފަހުން އިސްލާމިކް މިނިސްޓަރު ޝަހީމަށެވެ. އަދި ހައުސިން މިނިސްޓަރު ހައިދަރަށް ވެސް ރުހުން ނުދޭން އެމްޑީޕީއާ ޑިމޮކްރެޓްސްގެ މެންބަރުންގެ ވޯޓާއެކު ވަނީ ފާސްކޮށްފަ އެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން މަޖިލީހުން މިއަދު ފާސްކުރީ މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްއިން އެގޮތަށް ނިންމައިގެންނެވެ. ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެ ދެޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ވިޕްލައިނެއް ނެރުނު ކަމަށް ނުރަސްމީކޮށް އެނގުނު ނަމަވެސް ރުހުން ނުދޭން ނިންމީ ސީދާ ކޮންކޮން ވަޒީރުންނަކަށް ކަމެއް އެ ދެޕާޓީން ހާމައެއް ނުކުރެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު، ޑރ. ޝަހީމްގެ ނުރުހުން ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް ވަނި އަމާޒު ކުރައްވައިފަ އެވެ.

ރައީސް ސޯލިހުގެ ފޮޓޯއަކާއެކު ކުރެއްވި ޕޯސްޓްގައި ޑރ. ޝަހީމް ވިދާޅުވީ، ސޯލިހަކީ، ރާއްޖޭގެ އިސްލާމީ ކަންކަން ބަލިކަށި ކޮށްލަން މަސަތްކަތް ކުރެއްވި ވެރިއެއް ކަމަށެވެ.

ވަޒީރުންނަށް ރުހުން ނުދީފި ނަމަ ދެން ހަދާނީ ކިހިނެތްތޯ މީގެ ކުރިން ނޫސްވެރިން ސުވާލު ކުރުމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް އޮފީހުގެ މިނިސްޓަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރުހުން ނުދޭ މިނިސްޓަރުން އަލުން އެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެ ގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ނުބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް