ads
46 މީހަކު ޕާޓީގެ ޓިކެޓް ހޯދުމަށް ހުށަހަޅާފައިވޭ: ދަ ޑިމޮކްރެޓްސް
ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ދަ ޑިމޮކްރެޓްސް ޓިކެޓުގައި ކުރިމަތިލާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް 41 ދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ނިންމައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އުފެއްދި ދަ ޑިމޮކްރެޓްސްއިން ވަނީ އެ ޕާޓީގެ ޓިކެޓުގައި މަޖިލިހަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 4 ވަނަދުވަހު ހުޅުވާލާފަ އެވެ.

މީގެކުރިން ޑިމޮކްރެޓްސްއިން ބުނެފައި ވަނީ މަޖިލިސް އިންތިހާބުގައި މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާ 93 ދާއިރާއަށްވެސް އެ ޕާޓީން ވާދަކުރާނެކަމަށެވެ. ނަމަވެސް ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އާދީއްތަދުވަހު ހަމަވިއިރު، ޓިކެޓް ހޯދުމަށް އެދި ހުށަހެޅީ 41 ދާއިރާއަކަށް 46 ކެންޑިޑޭޓުންކަމަށް އެ ޕާޓީން ބުނެ އެވެ. އޭގެތެރޭގައި ހިމެނެނީ 13 އަންހެނުންނާއި 33 ފިރިހެނުންކަމަށް ޑިމޮކްރެޓްސްއިން ބުނެ އެވެ.

އެއް ކެންޑިޑޭޓަކަށް ވުރެ ގިނައިން ކުރިމަތިލީ އެންމެ ހަތަރު ދާއިރާއަށް ކަމަށް ވާތީ ޕްރައިމަރީ ބާއްވަން ޖެހެނީ އެ ދާއިރާތަކުގައި އެކަންޏެވެ. އެ ހަތަރު ދާއިރާއަކީ:

  1. ކެލާ ދާއިރާ
  2. ކަނޑިތީމު ދާއިރާ
  3. ހުޅުމާލެ ދެކުނު ދާއިރާ
  4. ހެންވޭރު ދެކުނު ދާއިރާ

ޕްރައިމަރީއަކާ ނުލައި ޓިކެޓު ލިބޭ ބައެއް މެމްބަރުންގެ ތެރޭގައި ހިމެނެނީ އަލީ އާޒިމް (މެދު ހެންވޭރު ދާއިރާ)، އީވާ އަބްދުﷲ (ގަލޮޅު އުތުރު ދާއިރާ)، އިސްމާއިލް ޒަރިޔަންދު (ގަލޮޅު ދެކުނު ދާއިރާ)، ހުސެއިން އަމްރު (މައްޗަންގޯޅި އުތުރު ދާއިރާ)، އިމްތިޔާޒް ފަހުމީ (މާފަންނު އުތުރު ދާއިރާ)، އިބްރާހިމް ރަޝީދު (މާފަންނު މެދު ދާއިރާ)، ހަސަން ލަތީފް (ހެންވޭރު ހުޅަނގު ދާއިރާ) އަދި ފާތިމަދު ހަމްދާ (ހުޅުމާލެ އުތުރު ދާއިރާ) އެވެ.

ޑިމޮކްރެޓްސްއިން ބުނީ ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް އެދި، އެންމެ މެމްބަރަކު ކުރިމަތިލާފައިވާ ދާއިރާތަކުގެ ޓިކެޓް ބައެއް ފަރާތްތަކަށް ކަށަވަރުވެފައިވާކަމަށެވެ. އޭގެ ތެރޭގައި މިހާރު ވެސް ރައްޔިތުންގެ މަޖިލިހުގައި ތިއްބެވި ޑިމޮކްރެޓްސްގެ މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.

އަދި، އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގައި ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 3 ވަނަ ދުވަހު އޮންނާނެކަމަށްވެސް އެ ޕާޓީން ބުނެ އެވެ.  

މިއަހަރުގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވަނީ މާޗު މަހުގެ 17 ވަނަ ދުވަހެވެ. އެ ދުވަސް ރޯދަ މަހުގެ ދުވަހަކާ ދިމާވާތީ އިންތިހާބު ފަސް ކުރުމަށް، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް މިހާރު ވަނީ އިސްލާހެއް ހުށަހަޅުއްވައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް