މި މަޝްރޫއުއަކީ އޭޝިއަން ޑިވޮލޮޕްމެންޓް ބޭންކުގެ އެހީގައި ހިންގާ މަޝްރޫއެކެވެ.
މަގޭ ސޯލާ ޕްރޮގްރާމުގެ ދަށުން ފުރަތަމަ އިންސްޓޯލް ކުރާ ޖުމުލަ 3 މެގަވޮޓްގެ ނިޒާމުތައް ގަތުމަށް ހަވާލުކުރީ ޗައިނާގެ ޖޭވީ ވިޒްޑަމް ނެގޯއާ ކުންފުންޏާއެވެ.
މިކަމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރީ މިނިސްޓަރ ތާރިގް އިބްރާހިމްއެވެ. ޖޭވީ ވިޒްޑަމް ނެގޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަރ ވަންގް ޓާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ގަނެވޭ މި 3 މެގަވޮޓްތެރޭގައި ހިމެނެނީ 3 ކިލޯވޮޓުގެ 375 ނިޒާމާއި އަދި 5 ކިލޯވޮޓުގެ 375 ނިޒާމުކަމަށާއި މިގޮތުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވިގެންދާނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.
މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ޤާއިމުކުރެވިފައިވާކަމަށާއި މީ ޤައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
ފަސް އަހަރުގެ ތެރޭގައި ޤައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ.
މަގޭ ސޯލާ މަޝްރޫޢަކީ ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށާއި އަދި ގޭބިސީތަކުން ކަރަންޓު ބިލަށް ކުރާ ޚަރަދު ކުޑަކޮށް، އިޔާދަކުރަނިވި ވަސީލަތްތައް ބޭނުންކޮށްގެން ކަރަންޓު އެފުއްދުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، އޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހައި ރައްޔިތުންނަށް ފަހިކޮށްދިނުމަށް ފެށިފައިވާ މަޝްރޫއެކެވެ.
މި ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރައްރަށުގައި ޤާއިމުކުރުންކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.