ads
މިހާތަނަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާ އިން
އަހަރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ތިން ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކަށް ޗައިނާ ވެއްޖެ އެވެ.

ޗައިނާއިން އަހަރުގެ ފުރަތަމަ ހަތަރު ހަފުތާ ތެރޭގައި ޒިޔާރަތް ކުރީ 16،529 ފަތުރުވެރިން ނެވެ. ޗައިނާއިން މިދިޔަ އަހަރު 187،118 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. މިދިޔަ އަހަރު ނިމުނުއިރު ޗައިނާ އޮތީ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގައި އެވެ. 

މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 174400 ފަތުރުވެރިންގެ 9.5 ޕަސަންޓެވެ. އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 11.9 ޕަސަންޓް އިތުރުވެފަ އެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމަކީ ރަޝިޔާއެވެ. އެ ގައުމުން އަހަރުގެ މިހާ ތަނަށް 18561 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު 10652 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްގެން މި ލިސްޓުގެ ދެވަނައިގައި އޮތީ އިޓަލީ އިންނެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކަށް ބަލާލާއިރު 14588 ފަތުރުވެރިން އިނގިރޭސިވިލާތުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު ޖަރުމަނުން ޒިޔާރަތްކޮށްފައިވަނީ 10652 ފަތުރުވެރިންނެވެ.

އެމެރިކާއިން 6299 ފަތުރުވެރިން ޒިޔާރަތްކުރިއިރު ފްރާންސުން 6168 ފަތުރުވެރިން، ޕޮލެންޑުން 5109 ފަތުރުވެރިން އަދި ސްވިޓްޒަލޭންޑުން 3330 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖެ އަންނަ ފަތުރުވެރިން މަޑުމަޑުން އިތުރުވަމުން އަންނައިރު، ޗައިނާގެ ފުޖިއަން ޕްރޮވިންސްގައި މި ފަހުން ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފައްޓަވައި ދެއްވާ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި ވަނީ ޗައިނާއަކީ ކޮވިޑްގެ ބަލިމަޑުކަމުގެ ކުރިން ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓްކަން ފާހަގަކުރައްވާފަ އެވެ.

"ޗައިނާއަށް މި މަގާމު އަލުން ހޯދުމަށް މަސައްކަތްތައް ވަރުގަދަ ކުރުމަކީ އަޅުގަނޑުގެ އެދުމެއް،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވަނީ އިގުތިސާދު ހަރުދަނާކޮށް ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރާ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން ފަތުރުވެރިކަމުގެ އާ ތަޖުރިބާތަކަށް ސަރުކާރުގެ ވިސްނުން އެބަހުރި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އޭގެ ތެރޭގައި މަތީ ފަންތީގެ ހޮސްޕިޓަލިޓީ ސްކޫލެއް ގާއިމުކުރުމާއި ކުޅިވަރާއި މެޑިކަލް އަދި ސަގާފީ ޓޫރިޒަމް ހިމެނޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނަ މަގާމު ހޯދުމަށް ޗައިނާއިން ކުރާ މަސައްކަތް ވަރުގަދަކުރަން ރައީސް އެދިވަޑައިގެންފައި މިވަނީ ދިވެހި ސަރުކާރުގެ އިސް ބޭފުޅުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އިންޑިއާ ރައްޔިތުންނަށް ބޭއަދަބީ ބަސްތަކުން މަލާމާތްކޮށް ފުރައްސާރަ ކުރި މައްސަލައެއް ހޫނުވެ އިންޑިއާގެ ބައެއް ޓްރެވަލް އެޖެންސީތަކުން ރާއްޖެއަށް ބުކިން ހެދުން ހުއްޓާލާފައިވަނިކޮށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް