ads
މަޖިލިހާއި އިސްލާމިކް މިނިސްޓަރާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ: ޝަހީމް
ރައްޔިތުންގެ މަޖިލިހާއި އިސްލާމިކް މިނިސްޓަރާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މަޖިލިހުގައި ނެގި ވޯޓުން، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަ ނައިބު އަހްމަދު އުޝާމަށް ރުހުން ދޭޭން ފާހެއް ނުވި އެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޭގެ ދެތިން ގަޑިއިރު ފަހުން އެ ތިން ބޭފުޅުން އަނެއްކާ ވެސް އެ މަގާމުތަކަށް އަލުން އައްޔަން ކުރައްވާފަ އެވެ.

އެއާއެކު މިނިސްޓަރު ޑރ. ޝަހީމަށް މަރުހަބާ ދަންނަވަން އިސްލާމިކް މިނިސްޓްރީން މިއަދު ބޭއްވި ހަފްލާއެއްގައި މިނިސްޓަރު ވިދާޅުވީ، ރައްޔިތުންގެ މަޖިލިހަކީ ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމުގެ އެންމެ މަތީ އެއް މުއައްސަސާ ކަމަށާއި، އެ މުއައްސަސާ އާއި އިސްލާމިކް މިނިސްޓްރީގެ ކަންކަން ހިނގަން ހުންނަ ފަރާތަކާ މެދު ނުތަނަވަސްކަމެއް އޮވެގެން ނުވާނެ ކަމަށެވެ.

"މަޖިލީހުގެ ބައެއް މެންބަރުން އަޅުގަނޑާ މެދު އޮތް ނުތަނަވަސްކަމަކީ ކޮބައިތޯ ބަލައި އެ ކަންތައްތައް ހައްލު ކުރަން ވެސް އަޅުގަނޑުގެ ފަރާތުން މަސައްކަތް ކުރާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މަޖިލީހުން ރުހުން ނުދޭން ނިންމި ނިންމުމާ މެދު ހިތުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށާއި، މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހްތިރާމް ކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ރައީސް ޑރ. މުއިއްޒު، ޑރ. ޝަހީމަށް ކުރެއްވި އިތުބާރު ދުވަހަކު ވެސް ހަނދާން ނައްތާ ނުލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ފަރާތުން ލިބޭ އިތުބާރާއި ޝުއޫރުތަކަކީ އިތުރަށް ލިބޭ ހިތްވަރެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ސިޔާސީ ތޫފާނެއްގެ ރޯޅީގައި އިސްލާމިކް މިނިސްޓްރީ ބަލިކަށިކޮށް ނުލެވޭނެ ކަމަށެވެ.

އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލިހުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމަށް ރުހުން ނުދޭން ނިންމުމާއެކު އެ ބޭފުޅާ ވަނީ، އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޑީގައި ހުންނަވައިގެން ދީން ބަލިކަށިކޮށްލަން ކުރައްވާ މަސައްކަތެއް ކަމަށް ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް