ads
ފޮޓޯ: މަޖިލިސް
ވިޕާ ހިލާފުވި މެމްބަރުނަށް ފިޔަވަޅު އަޅާނަން: އެމްޑީޕީ
ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން އިއްޔެ ނެރެފައިވާ ވިޕްލައިނާއި ހިލާފުވި މެމްބަރުންގެ މައްސަލަ ބަލަން ފަށައިފި ކަމަށާއި އެ މެމްބަރުންނާއި ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެ ޕާޓީން އެހެން ބުނެފައިވަނީ އިއްޔެ ވަޒީރުން ރުހުން ދިނުމަށް ބޭއްވީ މަޖީލީސް ޖަލްސާގައި އެ ޕާޓީން ނެރެފައިވާ ވިޕްލައިން އާއި ހިލާފަ ބަޔެއް މެމްބަރުން ވޯޓުލާފައިވާކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު، އަދި އަލިފުށި ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ، ޕީޖީ ގްރޫޕުގެ ހިންގާ ގަވައިދުގައި ވިޕާއި ހިލާފުވާ ފަރާތްތަކާއި މެދު އަމަލު ކުރާނެ ގޮތްތަކެއް އޮންނަ ކަމަށެވެ.

"އެގޮތުން ފުރަތަމަ ފަހަރަށް ވިޕާއި ހިލާފުވާ ފަރާތްތަކަށް އަނގަބަހުން ނަސޭހަތް ދިނުން، ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ، ލިޔުމުން، ތިން ވަނަ ފަހަރަށާއި ހަތަރު ވަނަ ފަހަރަށް ހިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ވެސް އޮންނާނޭ މިހާރު ވިޕާއި ހިލާފުވި މެމްބަރުންގެ މައްސަލަ ސެކްރެޓަރީ ޖެނެރަލް ބައްލަވަމުންދަނީ" ބިގޭ ވިދާޅުވި އެވެ.

ވިޕްލައިނާއި ހިލާފުވެފައިވާ އެމްޑީޕީގެ މެމްބަރުގެ ތެރޭގައި ހިމެނެނީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އާއި ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލްލަތީފު، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް ގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު، މުހައްމަދު ރާއީ އެވެ.

އާ ސަރުކާރުގެ ކެބިނެޓްގެ 22 ވަޒީރުންގެ ތެރެއިން މަޖިލީހުން ރުހުން ނެތް ކަމަށް އިއްޔެ ނިންމީ، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި ބަންޑާރަ ނާއިބު އަހްމަދު އުޝާމް ގެއެވެ.

ކެބިނެޓްގެ މި ތިން މެންބަރުންނަށް މަޖިލީހުން ރުހުން ނުދޭން ނިންމުމާއެކު، އަލުން އެ ތިން ބޭފުޅުން ހަމަ އެ މަގާމްތަކަށް ސަރުކާރުންވަނީ އައްޔަންކޮށްފަ އެވެ. މި ތިން ބޭފުޅުންނަށް އެ ބޭފުޅުން ކުރިންވެސް ތިއްބެވި މަގާމަށް އައްޔަންކުރައްވައި މަގާމުގެ ފަތްކޮޅު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އަރުއްވާފައި އެވެ

އިއްޔެ މަޖިލީހުގެ ނިންމުމާއި ދެކޮޅަށް ސަރުކާރުން އަމަލުކުރި ގޮތުން އިދިކޮޅު އެމްޑީޕީ އަދި ދަ ޑިމޮރެޓުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް