ads
ނަޝީދު ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިފި
ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެފްރިކާގެ ގައުމެއްކަމަށްވާ ގާނާއަށް ދިރިއުޅުން ބަދަލުކުރައްވައިފި އެވެ.

މިއަދު ގާނާގެ ވެރިރަށް އަކްރާއަށް ވަޑައިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ އެކަން ހާމަކުރައްވާފަ އެވެ.

ނަޝީދު ވިދާޅުވީ، ކްލައިމެޓް ވަލްނަރަބަލް ފޯރަމް(ސީވީއެފް)ގެ ފުރަތަމަ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމާއި ހަވާލުވެވަޑައިގެން މަސައްކަތް ފެއްޓެވުމަށް އެ ޖަމިއްޔާ ސެކްރެޓެރިއޭޓް ހުންނަ ގާނާއަށް މިއަދު ވަޑައިގެންނެވިކަމަށެވެ. 

އަހަރުތަކެއް ވަންދެން ގާނާގައި ދިރިއުޅުއްވާނެކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އޭގެ އިތުރުން ސީވީއެފް މެދުވެރިކޮށް އެ ޖަމިއްޔާ މެމްބަރު ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް ކުރާ މަސައްކަތްކަށް ކުރިއެރުން ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

ސީވީއެފްގެ ސެކްރެޓެރީ ޖެނެރަލްކަމުގެ މަގާމާއި ހަވާލުވެވަޑައިގެން ނަޝީދު ވަނީ ސިޔާސީ ކަންކަމާއި ދުރަށް ޖެހިވަޑައިގެންކަން ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

ސީވީއެފްއަކީ 2009 ވަނަ އަހަރު ރައީސް ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވިއިރު އިތުރު 11 ގައުމަކާ ގުޅިގެން އުފެއްދެވި ޖަމިއްޔާއެކެވެ.

 އެ ޖަމިއްޔާ އުފެއްދެވި އިރު 11 މެމްބަރު ގައުމު ތިއްބެވި ނަމަވެސް މިހާރު 68 މެމްބަދު ގައުމު އެ ޖަމިއްޔާގައި ހިމެނެއެވެ. 

ނަޝީދު މަގާމު ގަބޫލުކުރެއްވި ސަބަބު ހާމަކުރައްވައި އޭރު ނެރުނު ބަޔާނުގައި ވިދާޅުވީ، "މިހާރަށް ވުރެ ބޮޑަށް" އެ ޖަމާއަތުގައި ހުރެގެން ރާއްޖެއަށް ހިދުމަތް ކުރެވޭނެކަމަަށް ގަބޫލްކުރައްވާކަމަށެވެ. 

75%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް