ads
ތެލަސީމިއާ އަށް ހޭލުންތެރިކުރުމަށް ހާއްސަ ޕްރޮގްރާމެއް ހިންގަނީ
ތެލެސީމިއާއަށް ހޭލުންތެރި ކުރުމަށް ޤައުމީ ކެމްޕޭނެއް މިއަދު ފަށައިފި އެވެ.
Advertisement

މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމީޔާތެެއްގައި މި ކެމްޕޭނު ފައްޓަވާ ދެއްވީ ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މި ކެމްޕޭނަކީ ވަރަށް ބިޔަ ބޮޑު ކެޕޭނެއް ކަމަށާއި މި ކެމްޕޭނު އެންމެ ރަނގަޅަށް ހިނގިއްޖެނަމަ މި ކެމްޕޭނު ވެގެންދާނީ ގައުމަށް މަންފާ ކުރުވަނިވި އަދި މުސްތަގުބަލަށް އިންތިހާ އަށް ފައިދާ ކުރާނެ ކެމްޕޭނެއް ކަމުގައި އެވެ.

މިނިސްޓަރު ހަލީލް އިތުރަށް ވިދާޅުވީ މި ސަރުކާރުން އަޅަން ނިންމާފައިވާ ތެލެސީމިއާ ހޮސްޕިޓަލް ވެގެން ދާނީ ތެލެސީމިއާ ޕޭޝަޓުންނައް ވަރަށް މުހިންމު ހޮސްޕިޓަލަކަށްކަމަށެވެ.

މިހާރުއެ ހޮސްޕިޓަލް އަޅަން ބިން ހަމަޖެހިފައިވާކަމަށާއި މިހާރުވެސް އެ ހޮސްޕިޓަލް އެޅުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. 

މިފެށޭގެންދާ ކެމްޕޭނުގެ ސަބަބުން ރާއްޖޭގެ ހުރިހާ ފަރާތެއްވެސް ތެލެސީމީއާ ޓެސްޓު ކުރެވިގެންދާނޭކަމަށާއި މިކަން ކުރަން ކޮންމެހެން ލާޒިމްވެގެން ދާނޭކަމަށް މިނިސްޓަރު ހަލީލް ވިދާޅުވި އެވެ. 

ރާއްޖޭގެ އާބާދީގެ %17 އަކީ ތެލެސީމިއާ ބަލީ ޕޭޝަންޓުން ނުވަތަ އެ ބަލީގެ އަލާމާތް ފެނިފައިވާ ބޭފުޅުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ އާބާދީގެ ވަރަށް ބޮޑު އަދަދެއް ކަމަށާއި އެންމެން ވެގެން އެކަމާ ނުވިސްނާއިފީޔާ އެ އަދަދު ދުވަހުން ދުވަހަކަށް ދާނީ މަތިވަމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. 

އެހެންކަމުން ބޭރުގެ ބަޔެއް ގައުމުތަކުގައި މިބަލި ކޮންޓްރޯލް ކޮށްފައި އޮތް ގޮތް ބަލާ ދިރާސާ ކުރަން އެބަ ޖެހޭކަމަށާއި މިހާރުވެސް އެ ގައުމުތަކާއި އެކަމާއި ގުޅޭ ގޮތުން މަޝްވަރާ ކުރެވިފައިވާކަމަށް ހަލީލް ވިދާޅުވި އެވެ.

"މިސަރުކާރުން ވެރިކަމާއި ހަވާލުވީންސުރެން މިހާތަނަށް 5 ކުއްޖަކު ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ފޮނުވާފައިވާނެ، އަދި ރާއްޖޭގައި ތެލެސީމިއާ ބަލީގެ ފަރުވާ ލިބިގެންދާނެ ގޮތް ހެދުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއް" ހަލީލް ފާހަގަ ކުރެއްވި އެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިމިނަތު ޝިރުނާ ވިދާޅުވީ މި ކެމްޕޭނުގެ މަގުސަތަކީ ތެލެސީމިއާ އާއި ބެހޭ ގޮތުން ގައުމީ ފެންވަރެއްގައި އާންމުން ހޭލުންތެރި ކުރުވުންކަމަށާއި ތެލެސީމީއާ އާއި ބެހޭ މައުލޫމާތު އާންމުންނައް ފޯރުކޮށްދިނުން ކަމުގަ އެވެ.

މިކަމުން އަރައިގަތުމަށް ފަރުދީ ފެންވަރެއްގައި ކުރެވިދާނޭ ކަންކަމާއި ބެހޭ ގޮތުން އާންމުން ހޭލެންތެރިކުރުވުމަކީ ވަރަށް މުހިންމުކަމެއް ކަމަށް ޝިރުނާ ފާހަގަކުރެއްވި އެވެ.

މި ކެމްޕޭން ފެށުމުގެ ކުރިން ކޯޑިނޭޝަން ކޮމިޓީއެއް އުފެދުންކަމަށާއި މި ކޮމިޓީގެ ލަފާގެ މަތިން ބައެއް މުހިންމުކަންތައް ކުރަން ނިންމާފައިވާކަމަށް ޝިރުނާ ވިދާޅުވި އެވެ.

"ތެލެސީމިއާ އާއި ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ހުރިހާ މިނިސްޓްރީތަކާއި އޮފީސް ތަކާއި ގުޅިގެން ކުރިޔަށް ގެންގޮސް ގްރޭޑް 10 ނިންމާ ހުރިހާ ކުދިން ތެލެސީމިއާ ޓެސްޓް ކުރަން ޖެހޭ ގޮތަށް ހަދަން އެޑިކޭޝަން މިނިސްޓްރީއާއި ވަނީ މަޝްވަރާކުރެވިފައި" ޝިރުނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރިއަށް އޮތް 4 މަސްދުވަހުގެ ތެރޭގައި ގްރޭޓަރ މާލޭ ސަރަހައްދުގެ ގްރޭޑް 10 ގެ ދަރިވަރުންނަށް ހޭލުންތެރިކުރުމުގެ މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދެވޭނެއެވެ.

ތެލަސީމިއާ ބަލީގައި 650 ކުދިން މިހާރުވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފަރުވާ ހޯދަމުންދާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް