ads
ހުއްޓާލަން އެންގި 4000 ފްލެޓު ދޫކުރުމުގެ ހުއްދަ އީސީން ދީފި
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި 4000 ފުލެޓު ދޫކުރުން ހިފަހައްޓާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ވަކި އުސޫލުތަކެއްގެ ދަށުން އެ ފްލެޓުތައް ދޫކުރުމުގެ ހުއްދަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އިން ދީފި އެވެ.

އޭސީސީން މިއަދު ބުނީ، ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި އެ ފުލެޓުތައް ދޫކުރުމާ ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް ހައުސިން މިނިސްޓްރީއަށް އަންގާފައިވާ އެންގުން މިއަދު  ނިމުމަކަށް ގެނެސްފައިވާ ކަމަށެވެ. 

އަދި، ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށް މިނިސްޓްރީއަށް މިއަދު އަންގާފައިވާނެ ކަމަށް އޭސީސީން ބުންޏެވެ.

އެގޮތުން އަންގާފައިވަނީ:

  • އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓު ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖައާކުރުމަށް
  •  މުރާޖައާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށް
  •  މުރާޖައާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށް 

ކުރީގެ ސަރުކާރުން އިއުލާންކުރި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓާ މެދު އޭސީސީއަށް ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އެ ފްލެޓުތައް ދިނުން ހުއްޓާލަން އޭސީސީން އެންގީ މިދިޔަ އަހަރުގެ ނޮވެމްބަރު ތެރޭގަ އެވެ.

އެ ފްލެޓުތައް ދިނުން ލަސްވާ މައްސަލާގައި ފްލެޓު ލިބޭނެކަމަށް ލިސްޓުގައިވާ މީހުންގެ ފަރާތުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖުތައް ކުރަން ފެށުމުން، މިދިޔަ ޑިސެމްބަރުތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، ގޯއްޗާއި ފްލެޓް ލިބޭ މީހުން ހިމެނޭ ލިސްޓުގައިވާ ގޮތަށް ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ހަފްތާއެއްގެ ތެރޭގައި ނިންމާނެ ކަމަށް ވިދާޅުވެފަ އެވެ. 

ނަމަވެސް ހައުސިން މިނިސްޓްރީން ބުނެފައިވަނީ އެ މަސައްކަތް ކުރެވޭނީ އޭސީސީން ބަލަމުންދާ މައްސަލަތަކާމެދު ގޮތެއް ނިންމުމުން ކަމަށެވެ.

އެޔަށްފަހު އޭސީސީން ބުނެފައިވަނީ އެ މައްސަލާގައި މި ހަފްތާތެރޭ ގޮތެއް ނިންމާނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް