ads
އްމްޑީޕީ ޕްރައިމަރީ: ހަައްވާ، އަނަސް، ޝާން އަދި ހުސެއިން ވެސް ނާކާމިޔާބުވި ލިސްޓަށް
ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަނަސް އަބްދުއްސައްތާރުގެ އާއި ނޫސްވެރި ކަމުގައި ހަރަކާތްތެރިވި ހުސައިން ހަސަން އާއި އަބްދުﷲ ޝާން (ކުޑޭ)ގެ އިތުރުން ހަައްވާ މުހައްމަދަށް ނާކާމިޔާބީއާ ކުރިމަތި ވެއްޖެ އެވެ.

މިއަދު ހެނދުނު ނުޔަވަކުން ހަވީރު ފަހަކަށް އެމްޑީޕީގެ ޕްރައިމަރީގެ ވޯޓް ނެގުން ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދު އޮތީ 40 ދާއިރާ އަކަށް ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމެވެ.

މިއަދުގެ އިންތިހާބު ގައި އަނަސް ކުރިމަތިލެއްވީ ވިލިމާލެ ދާއިރާއަށެވެ. އެ ދާއިރާގެ ޓިކެޓް ހޯއްދެވީ އަބްދުލްމަޖީދު މުޝައްރަފް އަބްދުއްރައްޒާގެވެ.  

އަނަސް ވާދަކުރެއްވި ވިލިމާލެ ދާއިރާގެ ޕްރައިމަރީ އަބްދުލްމަޖީދު މުޝައްރަފް އަބްދުއްރައްޒާގް ކާމިޔާބު ކުރެއްވި އިރު، ހުޅުމާލެ މެދު ދާއިރާގައި އަބްދުﷲ ޝާން ނާކާމިޔާބުވީ ޝަފާތު އަހްމަދު ޒާހިރާ ވާދަކޮށެވެ.

މީގެއިތުރުން މިއަދުގެ ޕްރައިމަރީގައި ވިލިނގިލީ ދާއިރާއިން ހަސަން ހުސައިންގެ މައްޗަށް ކާމިޔާބު ހޯއްދެވީ ސައުދު ހުސައިންނެވެ. މީގެ ކުރިން ރާއްޖެ ޓީވީގައި ވެސް މަސައްކަތް ކޮށްފައިވާ ހުސެއިންގެ މައްޗަށް ކުރި ހޯއްދެވި ސައުދަކީ މިހާރުވެސް އެ ދާއިރާގެ މެންބަރެވެ.

މިއަދު އިދިކޮޅު އެމްޑީޕީން ބޭއްވި ޕްރައިމަރީ، މިހާރު މަޖިލީހުގައި ތިއްބެވި ގިނަ މެމްބަރުންތަކެއް ކާމިޔާބު ކުރެއްވި އެވެ. އެގޮތުން:

 1. ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު،
 2. އަލިފުށީ ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު (ބިގޭ)،
 3. ކިނބިދޫ ދާއިރާގެ މެންބަރު، މުހައްމަދު ނާޝިޒު،
 4. ހަނިމާދޫ ދާއިރާގެ މެންބަރު، އަބްދުލްގަފޫރު މޫސާ  
 5. ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް،
 6. ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު،
 7. މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫން  
 8. ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން 

އެމްޑީޕީ ޓިކެޓު ގެއްލުނު މިހާރު މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ތެރޭގައި:

 1. ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް
 2. އާއި އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމް
 3. ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު 

ނިމިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރެއްވި، އަހުމަދު ސަލީމް (މާޒް) ވެސް ވަނީ މިއަދުގެ އިންތިހާބުގައި ކާމިޔާބު ހޯއްދަވައި ހެންވޭރު ހުޅަނގު ދައިރާގެ އެމްޑީޕީ ޓިކެޓު ކަށަވަރު ކުރައްވައިފަ އެވެ. 

މިދިޔަ ސަރުކާރުގައި އާރުޑީސީގެ އެމްޑީ އަދި ގާނޫނީ ވަކީލް، މޫސާ އަލިމަނިކު (މޫކޭ) އަށް ހުޅުމާލެ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރުވީ 70 ވޯޓު ހޯއްދަވައިގެންނެވެ. މޫކޭއާ ދެން ވާދަކުރެއްވި އަބްދުﷲ ނަސީރު މުހައްމަދަށް ލިބިވަޑައިގެންނެވީ 66 ވޯޓެވެ. 

މިއަދު ކުރިއަށްދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމްގެ ކޮއްކޮ، ނަޒްރާ ނަސީމް ވާދަ ކުރެއްވީ އުފަން ރަށް، ފުވައްމުލަކު ދެކުނު ދާއިރާއަށެވެ. އެމްޑީޕީގެ ޓިކެޓު އޭނާ ކާމިޔާބު ކުރެއްވީ އެ ދާއިރާއަށް ވޯޓުލީ ޖުމުލަ 511 މީހުންގެ ތެރެއިން 434 މީހުންގެ ވޯޓު ހޯއްދަވައިގެންނެވެ.  

އަންނަ މާޗު މަހުގެ 17 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މަޖިލީހުގެ 93 ދާއިރާއެއްގެ ތެރެއިން އެމްޑީޕީން ޕްރައިމަރީ ބާއްވަނީ 40 ދާއިރާއެއްގެ އެވެ. އެ ދާއިރާތަކަށް 149 ކެންޑިޑޭޓުން ވާދަކުރިއިރު އެ ދާއިރާތަކަށް ނިސްބަތްވާ 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ.

ބާކީ 53 ދާއިރާގެ ތެރެއިން އެމްޑީޕީން އެއްވެސް ކެންޑިޑޭޓަކު ކުރިމަތިނުލަނީ އޭދަފުށީ އަދި ނިލަންދޫ ދާއިރާއަށެވެ.

މިއަދުގެ އިންތިހާބުގައި މާލެ ހިމެނޭހެން 96 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންދިޔަ އެވެ. މިއަދުގެ އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ސުލްހަވެރިކަމާއެކު އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް