ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާއި ގުޅިގެން ނެރުނު ބަޔާނެއްގައި އެޗްޕީއޭއިން ބުނީ ކެންސަރު ބައްޔަކީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނަ މީހުން މަރުވާ ބަލިކަމަށެވެ. އެ ބަލީގައި އަހަރެއްގެ މައްޗަށް 10 މިލިއަން މީހުން މަރުވާކަމަށާއި މީގެ ތެރެއިން %40 މީހުނަށް ކެންސަރު ޖެހެން މަގުފަހި ވަނީ އެ މީހުންގެ ދިރިއުޅުމުގައި ގެންގުޅޭ ނުރަނގަޅު އާދަކާދަތަކުގެ ސަބަބުން ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކެންސަރުގެ ހާލަތާއި ގުޅޭގޮތުން އެޗްޕީއޭއިން ބުނީ ރާއްޖޭގައި އަހަރެއްގެ މައްޗަށް މަރުވާ މީހުންގެ 17 އިންސައްތައަކީ ކެންސަރު ބަލީގައި މަރުވާ މީހުންކަމަށެވެ. އަދި ރާއްޖެގައި 5 ވައްތަރެއްގެ ކެންސަރު ވަރަށް އާއްމުކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖޭގައި ކެންސަރުގެ އާއްމު ވައްތަރުތައް
- އުރަމަތީގެ ނުވަތަ ބްރެސްޓް ކެންސަރު
- ފުއްމޭގެ ކެންސަރު
- ލޭގެ ކެންސަރު
- ތައިރޮއިޑް
- ޕްރޮސްޓްރޭޓް ކެންސަރު
ކެންސަރު ބަލިން ރައްކާތެރިވުމަށާއި ބަލި ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން ކެންސަރު ބަލީގެ ރަޖިސްޓްރީ ގާއިމުކޮށް "ނޭޝިނަލް ކެންސަރ ރަޖިސްޓްރީ" ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުނެއެވެ. އެޗްޕީއޭއިން ބުނީ 2019 ވަނަ އަހަރުން ފެށިގެން ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައިވާ މީހުންގެ ލިސްޓު އަދާ ހަމަ ކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
ކެންސަރު ބަލިޖެހޭ ބައެއް ސަބަބުތައް
- ދުންފަތުގެ އިސްތިއުމާލުކުރުން
- ކެއުން ބުއިމުގައި ނުރަނގަޅު އާދަތައް ގެންގުޅުން
- ދުފުން
- އެކަށީގެންވާ ވަރަށް ހެލިފެލިވެ ކަސްރަތު ނުކުރުން
- ބަރުދަން ހުންނަން ޖެހޭ ވަރަށް ވުރެން އިތުރުވުން
- ބަނގުރާ ބުއިން
- އަތްވައް ހުށަހެޅުން
އެޗްޕީޢޭއިން ބުނީ ކެންސަރުން ރައްކާތެރިވުމަށް މީހާގެ ދިރިއުޅުމަށް ރަނގަޅު ބަދަލުތަކެއް ގެންނަން ޖެހޭކަމަށެވެ. އޭގެތެރޭގައި ހެޕަޓައިޓަސް ބީ އާއި އެޗްޕީވީ ވެކްސިން ޖެހުން، އަތްވައް ހުށަހެޅުން ކުޑަ ކުރުން، ދަރިފުޅަށް ގާތުން ކިރު ދިނުން، ރައްކާތެރި ގޮތެއްގައި ޖިންސީ ގުޅުން ހިންގުން ހިމެނޭކަމަށް އެޗްޕީއޭއިން ބުނެއެވެ.