މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.
އިގްތިސާދީ ގޮތުން ތަދު އަހަރުތަކެއް ދިވެހި ގައުމު ދެކެފައިވާ ކަމަށާއި މިހާލަތުން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާކަމެއް ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ވެރިކަމާއި ހަވާލު ވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގައިރު ޒިންމާދާރުކޮށް ފައިސާ ޗާޕު ކުރެވެމުން ދިޔަދިޔުން ހުއްޓުމަކަށް ގެނެވިގެން ދިޔަކަމަށާއި އިގްތިސާދު ހަމަ މަގަށް އެޅުމަށް އެޅުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރެވިގެން ދިޔަކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރާއި ހަވާލުވެ ވަޑައިގެން އިރު ސަރުކާރުގެ ކުންފުނިތަކުގެ ދަރަނި އެހާ ބޮޑުކަމަށާއި ލިބޭ އެއްޗަކުން ދެކޮޅު ޖެހޭ ކުންފުނިތަކުގެ އަދަދު އޭރު ވަރަށް ދަށްވެފައި ވާކަމަށް ރައީށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ކުންފުނިތަކުގެ އިދާރީ ހިންގުމާއި މުވައްޒިފުންނައް ކުރެވޭ ހަރަދު ރިކޯޑް އަދަދަކަށް އޭރު އިތުރުވެފައިވާކަމަށާއި އާމްދަނީ ހޯދުމަށް ކުންފުނިތަކުން ކުރަމުން ދިޔަ މަސައްކަތްވެސް އޭރު ވަރަށް ދަށްވެފައި ވާކަމުގައެވެ.
ބަދަލު ދިނުމުގެ ނަމުގައި ދައުލަތުގެ ހަރު މުދަލުގެ ތެރެއިން 1 ބިލިއަން ރުފިޔާގެ މުދާ އެކި ފަރާތްތަކަށް ކުރީ ސަރުކާރުން ބަހާލާފައިވާކަމަށާއި ސޮވެރަން ފަންޑުގައި ހުރި ބޭރު ފައިސާވެސް ނަގާ ކުރި ސަރުކާރުން މާރުކޮށްލާފައި ވާކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އެންމެ ބޮޑަށް އިސްކަންދޭނީ ދަރަނި ދައްކަން ޖެހޭ ސެޑިއުލްއާއި އެއްގޮތަށް ދަރަނިތައް ދައްކާ އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ރައީސް ފާހަގަ ކުރެއްވިއެވެ.
މީގެ އިތުރުން ދައުލަތުގެ ހަރަދު ހަމަޖެއްސުމުގެ ނަމުގައި 8 ބިލިއަން ރުފިޔާ ޗާޕް ކުރެވިފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ދައުލަތުގެ މާލީޔަތަށް ބުރަ ނުވާނޭހެން ގިނަ މަސްރޫއުތަކެއް ފެށުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ދައުލަތު ކުންފުނިތަކަށް ފައިދާވާނޭ ގޮތަކަށް ކަންތަށް ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.
ފާއިތުވި އަހަރުތަކުގައި ޑެފިސިޓް ފައިނޭންސްކުރަން ނަގާފައިވާ ދަރަނީގެ ސަބަބުން، 2023 ވަނަ އަހަރު ނިމުނުއިރު ޖީޑީޕީގެ ނިސްބަތުން ދައުލަތުގެ ދަރަނި ހުރީ 115.9 އިންސައްތައަށް އުފުލިފައި ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދައުލަތުގެ ދަރަނި ކުޑަކޮށް ލުއި ކުރެވޭނެ ގޮތަށް ބެލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި އެކި ކުންފުނިތަކަށް ބަދަލުދޭން އުފައްދާފައިވާ ސެޓުލްމަންޓު ކޮމިޓީ އުވާލެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސޮވެރަން ފަންޑަށް އަލުން ޑޮލަރު ޖަމާކުރަން ފެށިފައިވާކަމަށާއި ބޭރު ފައިސާ ގައުމުގައި ހިފެހެއްޓޭނެ އާ ގޮތްތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައި އެވެ.