ads
މިއަހަރު ތެރޭގައި އާ ދެ އެއާޕޯޓުގެ މަސައްކަތް ފަށާނެ: ރައީސް
މި އަހަރު ތެރޭގައި އާ ދެ އެއާޕޯޓްގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު މިހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ

ރައީސް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ފުޅާ ކުރުމަކީ ރާއްޖޭގެ އިގްތިސޯދު ވަރުގަދަ ކުރުމަށްޓަކައި އިސްކަން ދޭން ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން އާ ދެ އެއާޕޯޓްގެ މަސައްކަތް މިއަހަރު ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިހާރު ބިނާކުރާ ޑޮމެސްޓިކް އެއާޕޯޓުތަކުގެ މަސައްކަތް ނިންމަމުން ދިއުމުގެ އިތުރަށް، އާ ދެ އެއާޕޯޓުގެ މަސައްކަތް މިއަހަރު ތެރޭގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ފަށާނަން" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ހިދުމަތް ފުޅާކޮށް، ދުނިޔޭގެ ގިނަ މަންޒިލް ތަކަށް އުދުހެވޭނެ ފަދަ ބިޔަ މަތިންދާބޯޓުތައް ވެސް މިއަހަރު ރާއްޖެ ގެންނާނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގައި އެންމެ ޒަމާނީ އަދި ރައްކާތެރި ހެލިކޮޕްޓަރުގެ ހިދުމަތް ފެށުމަށް ނިންމައި އެކަމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

"ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓު ގެނެސް، އާ ހަތް މަންޒިލަކަށް ދަތުުރު ފެށުމަށް އަންނަނީ މަސައްކަތް ކުރަމުން، އެކަމަށް ބޭނުންވާ ދެ ބޯޓު ހޯދަން މިހާރު ވަނީ އިއުލާނުކޮށްފަ" ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަމުން ވިދާޅުވި އެވެ.

މިއަހަރު ތެރޭގައި އާ ދެ ޑޮމެސްޓިކް އެއާޕޯޓުގެ މަސައްކަތް ފަށާނެ ކަމަށް ރައީސް މިއަދު ވިދާޅުވިއިރު، ރާއްޖޭގައި އިތުރު 15 ޑޮމެސްޓިކް އެއާޕޯޓް އެޅުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް