ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަން މިއަދު ބޭއްވި ޖަލްސާ ބޮއިކޮޓް ކުރަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައި އޮތީ މިއަދުގެ ޖަލްސާ ބޮއިކޮޓް ކުރާށެވެ.
މިކަމާއި ގުޅިގެން ރޭގައި އެމްޑީޕީ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައިވާގޮތުން އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ މެމްބަރުން ބައިވެރިވެވަޑައިނުގަތުމަށް ނިންމަވާފައިވަނީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަސް ރަސްމީ ބަންދު ދުވަހެއްގޮތުގައި ޒަމާނުއްސުރެ އޮތްއޮތުން ބަދަލުކޮށް މަޖިލީހުގެ ގަދަރު ކުޑަކުރުމުގެ ގޮތުން އެ ދުވަހަކީ ބަންދުނޫން ދުވަހެއްކަމުގައި ރައީސް ޑރ. މުއިއްޒު ހަމަޖެއްސެވުމުގެ އިތުރުން އިތުރު ސަބަބުތައް އޭގައި ހިމަނާފައިވެ އެވެ.
އެގޮތުން މި ސަރުކާރުގެ މިނިސްޓަރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމަށް މަޖިލީހުގެ ޖަލްސާ ބޭއްވި ދުވަހުގައި މަޖިލީހުގެ މަސައްކަތައް ހުރަސްއަޅާ ވޯޓަށް ނުފޫޒް ފޯރުވުމުގެ ގޮތުން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ފަރާތްތައް ހިމެނޭ ގޮތަށް މަޖިލިސްކުރާގޭ ކައިރިއަށް މީހުން އެއްކޮށް ހަމަ ނުޖެހުން އުފައްދާ، މަޖިލިސް ކުރާގޭގެ އެތެރެއަށް ގަލާއި ފުޅިފަދަ ތަކެތި އުކާ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަމާއި ނުތަނަވަސްކަން އުފެދޭ ގޮތައް އަމަލު ކޮށްފައި ވުމުގެ އިތުރުން، މަޖިލީސް މެންބަރުންނަށް އިންޒާރުދީ ހަމަލާ ދިނުން ފަދަ ކަންކަން ހިންގި އިރު ސަރުކާރުން އެކަންކަން ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ކޮށްފައި ނުވުން ހިމެނެއެވެ.
އަދި ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވާލާ، މަޖިލީހުގެ އިމްތިޔާޒްތަކަށް އަރައިގަތުމަށް މަސައްކަތް ކުރާކަމަށް ގަބޫލުކުރެވޭތީ، އެކަމާ ދެކޮޅު ހެދުމާއެކު ޑިމޮކްރަސީއާ ބީރަށްޓެހި ސަރުކާރުގެ އަމަލުތައް ކުށްވެރި ކުރުމުގެ ގޮތުން ސުލްހަވެރި އިހްތިޖާޖު ކުރުމުގެ ގޮތުން އެޕާޓީން މާދަމާގެ ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމީ ކަމުގައި އެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮންމެ އަކަސް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އަދި ކުޅުދުއްފުށި ދެކުނު ދާއިރާގެ މެމްބަރު ޖަމްޝީދު މުހައްމަދު މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ މި ނިންމުންތަކާ ހިލާފަށެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓްކުރަން ނިންމައި އެމްޑީޕީން މަޖިލީހަށް ފޮނުވި ސިޓީ މިއަދުގެ ޖަލްސާގައި ރިޔާސަތުން އިއްވި އެވެ. މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އިއްވެވި އެ ސިޓީގައިވާ ގޮތުން އެމްޑީޕީން ޖަލްސާ ބޮއިކޮޓް ކުރި އެއް ސަބަަބަކީ ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ޒަމާނުއްސުރެ އޮތް އޮތުން ސަރުކާރުން ބަދަލުކޮށްފައި ވުމެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ގައި އެމްޑީޕީގެ ނިންމުމާ ދެކޮޅަށް ޖަމްޝީދާއި ޖާބިރު ބައިވެރިވެވަޑައިގަތުމުން އެ މެންބަރުންނާ މެދު އަމަލު ކުރާނެ ގޮތެއް އެމްޑީޕީ ޕީޖީން އަދި ނުބުނެ އެވެ.