ރައީސް ތ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަންނަވާނީ ގުރައިދޫއަށެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ތ.އަތޮޅު ގުރައިދޫއަށް ވަޑައިގަތުމަށް ރައީސް ނިންމެވީ އެ ރަށަކީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް އެންމެ ބޮޑު އަގުލަބިއްޔަތެއް ލިބިވަޑައިގެންނެވި ރަށަށް ވާތީ އެވެ.
އެގޮތުން ގުރައިދޫއިން އެމަނިކުފާނަށް 625 ވޯޓާއެކު %74.05 ލިބިވަޑައިގެންފައިވެއެވެ.
އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ފެއްޓެވުމަށް ހަމަޖެހިފައިވާއިރު ވަގުތު ލިބޭވަރަކުން ވީހާވެސް އަވަހަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވާނެ ރައީސް ވަނީ މިފަހުން ވިދާޅުވެފަ އެވެ.