މިއަދު ރައީސް ތ.އަތޮޅުގެ ރައްޔިތުންނާއި އެކު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒު ތ.ގުރައިދޫއަށް ވަޑައިގަތުމުން ފެނިގެންދިޔައީ އެ ރަށުގެ ރައްޔިތުން އަދިވެސް ތިބީ ރައީސް އަށް ދެއްވި ތާއިދުގެ މަތީގައި ކަމަށް ކަމުގަ އެވެ.
އަބްދުރަހީމް ވިދާޅުވީ ރައީސް އަށް ރައްޔިތުން ދެމުން ދިޔަ ތާއިދު ފަނޑުނުވާކަމަށާއި ދުވަހުން ދުވަހަކަށް ދަނީ އެ ތާއީދު އިތުރުވަމުން ކަމަށް ސާބިތުވެއްޖެ ކަމުގަ އެވެ.
އަބްދުރަހީމް ފާހަގަ ކުރެއްވި ގޮތުގައި ތ.ގުރައިދޫގެ ރައްޔިތުން ތިބީ ރައީސް މުއިއްޒު ގެންނަވަމުން އަންނަ ތަރައްގީ އާއި އެކުގައި ކުރިޔަށް ދާން ކަމަށާއި ހިޔާލު ތަފާތުވުން ތަކާއި ބައިބައި ވުމަށް ތަން ނުދީ އެ ރަށުގެ ރައްޔިތުން ތިބީ ރަށުގެ ތަރައްގީ އަށް ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ކަމުގައިއެވެ.
މި ސަރުކާރު ގެނައިީ ރައްޔިތުންކަމަށާއި މި ސަރުކާރު ދެމެހެއްޓުމުގެ ފަހަތުގައިވެސް ތިބީ ހަމަ ރައްޔިތުންކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.
ރަށް ތަރައްގީ ކުރުމަށް ސަރުކާރަށް ތާއީދު ކުރާ މެމްބަރަކު އެ ދާއިރާ ތަމްސީލު ކުރަން ހުރުން މުހިންމުކަމަށާއި އެހެން ކަމުން ރައްޔިތުން ނިކުމެ މިފަހަރު ޕީޕީއެމް ޕީއެންސީގެ ޓިކެޓު ލިބުން ކެންޑިޑޭޓަށް ވޯޓުލާދީ ހޮވާ ދިނުމަށް އަބްދުރަހީމް ވަނީ ރައްޔިތުންގެ ފަރާތުން އެދިލައްވާފައި އެވެ.
ތަރައްގީ އަށް ހުރަސް އެޅޭ ގޮތަކަށް ވިސްނުމަށް ޖާގަ ދެވޭނަމަ އެ ޖާގަ ދެވެނީ އަމިއްލަ ދިރިއުޅުމަށް ކަމަށާއި އެފަދަ ވިސްނުންތަކާއި ދުރުވެ ކޮންމެ ރަށަކުން ސަރުކާރާއި ގުޅިގެން ކުރިޔަށް ދިއުން އެއީ ރައްޔިތުންނައް އަދި ހުރިހާ ރަށްތަކަށް އެންމެ ފައިދާ ހުރިގޮތްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުން ޑރ. މުއިއްޒުއާއި ވެރިކަން ހަވާލުކުރީ ވަރަށް ފޮނި އުންމީދުތަކަކާއި އެކުގައި ކަމަށާއި ރައްޔިތުން ބޭނުންވާ ގޮތައް ތަރައްގީ ގެނެއުމަށް ބޭނުން ނަމަ ދެން ކުރަން ޖެހޭނެ ކަމަކީ ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރައްވާ ކެންޑިޑޭޓުން ހޮވުން ކަމަށް އަބްދުރަހީމް ވިދާޅުވި އެވެ.
ސަބަބަކީ ރައީސް ގައުމަށް ގެނެސްދެއްވަން ބޭނުންވާ ތަރައްގީ ގެނެއުމަށް ވަރަށް ބައިވަރު މަސައްކަތްތަކެއް ކުރަން ޖެހޭނެ ކަމަށާއި ރައްޔިތުން މަޖިލީހުން ސަރުކާރަށް އުނދަގޫކުރުމަށް އެކަންކަމަށް ހުރަސް އަޅާކަމުގައި ވަނީ ނަމަ އެ ކަމުގެ ސަބަބުން ގެއްލުން ލިބޭނީ ހަމަ ނިކަމެތި ރައްޔިތުންނައް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
ރައީސް ޑރ. މުއިއްޒުގެ ބަހާއި އަމަލަކީ ސަތޭކައިން ސަތޭކަ ދިމާވާ އެއްޗެއްކަމަށް ތ.ގުރައިދޫ ރައްޔިތުން ގަބޫލު ކުރާނޭ ކަމަށާއި ވަކި ބަޔަކަށް ވަކި ގޮތެއް ރައީސް ނުހައްދަވާނޭކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވަޑައިގަންނަވާނެ އެވެ.