ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން ލޯފަން މީހުން، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލުމުގެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި، ރަޖިސްޓްރީވުމަށް ހުޅުވާލި މުއްދަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުންޏެވެ.
އެ ކޮމިޝަނުން ވިދާޅުވީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުން މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް، 1414 އަށް ގުޅައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމަށާއި އެގޮތުން ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:00 އިން ރޭގަނޑު 10:00 އަށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ވަނީ ހަމަޖަހިފައިވާކަމުގަ އެވެ.
އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 ން ހަވީރު 6:00 ގެ ނިޔަލަށް 1414ގެ ހިދުމަތް ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން އަމިއްލައަށް ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގަ އެވެ.
އީސީން ވަނީ ރީ-ރަޖިސްޓަރީ ކުރަަން ހުށަހެޅުމުގެ ކުރިން، މިހާރު ރަޖިސްޓަރީ ވެފައިވާ ތަން ޗެކުކުރުމަށް އެދިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުލުމަށްޓަކައި ރަށްވެހިވެފައިވާ ރަށްނޫން ތަނެއްގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމުގެ ސުންގަޑިއަކީ މާދަމާ ހަވީރު 16:00 އެވެ.
ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި، ކުރިއަށް އޮތް 20 ވަނަ ދައުރަށް 93 ދާއިރާއަކުން މެންބަރުން އިންތިހާބު ކުރާނެ އެވެ.