ads
ޔުނީފޯމް ބާލާފައި އަންނަނީ އިންޑިއާ މީހުންތޯ އެހުމުން، ރައީސްގެ ސިދާ ޖަވާބެއް ނެތް
ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން ތިބި އިންޑިއާ ސިފައިން ޔުނީފޯމް ބޭލަމަށްފަހު އެހެން ހެދުމެއްގައި އަންނަ ކަމަށް އިވޭކަމަށް ބުނެ އާއްމު މީހަކު ކުރި ސުވާލަށް ރައީސް ޑރ މުއިއްޒު ސީދާ ޖަވާބު ނުދެއްވާ ދޫކޮށްލައްވައިފިއެވެ.

ރާއްޖޭގައި 2000 ގާތްކުރާ އަދަދަކަށް އިންޑިއާ ސިފައިން އެބަތިބިކަމަށާއި ވެރިކަމާއި ހަވާލުވުމަށްފަހު އެމީހުން މި ޤައުމުން ބާލެނެ ވާހަކައަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. 

އެހެންނަމަވެސް ވެރިކަމާއި ހަވާލުވި ފަހުން މިހާތަނަށްވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިގެން ސީދާ އަދަދު ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކި ފަހަރު އެކި އަދަދު ބުނިއިރު ސިދާ ތިބި އަދަދު ސަރުކާރަށް ނޭގޭކަމަށްވެސް ވަނީ ބުނެފައެވެ. 

ރާއްޖޭގައި ތިބި އިންޑީއާ ސިފައިން ބޭލުމުގެ މަޝްވަރާތައް އިންޑިއާ އާ ރާއްޖެ ހައިލެވެލް ކޯ ގްރޫޕްގައި ވަނީ ފަށާފައެވެ. އެއާއެކު ދެ ސަރުކާރުން އެއްބެސްވީ އިންޑިއާގެ ސިފައިން ރާއްޖެއިން ބޭލުމަށްފަހު ޑޯނިއާ އާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓު ކުރާނެ އިންޑިއާގެ މަދަނީ މީހުން ގެންނައުމަށްކަމަށް ވަނީ އަޑުފެތުރިފައެވެ. 

ރައީސް ޖަވާބުގެ ނަމުގައި އާއްމުން ސުވާލުކުރުމަށް ރައީސް އޮފީހުން ގެނެސްދޭ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލުގައި އަހާފައިވަނީ އިންޑިއާ ސިފައިން ޔުނީފޯމް ބޭލުމަށްފަހު ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވަން އަންނަކަމަށް ބުނާ އަޑު އިވޭކަމަށެވެ. އެކަމަުގެ ހަގީގަތަކީ ކޮބައިތޯ އެމީހާ ވަނީ ރައީސް އަރިހުން އަހާފައެވެ. 

މި ސުވާލަށް ރައީސް ދެއްވީ މުޅިން އެހެން ޖަވާބެކެވެ. ރައީސް ވިދާޅުވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގައި ކުރަމުންދާ މަސައްކަތުގައި ކާމިޔާބު ލިބިފައިވާކަމަށެވެ. ސަރުކާރުގެ އެންމެ އިސް ޒިންމާއެއްކަމުގައި ދެކެނީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބުންކަމަށެވެ. 

އިންޑިއާ ސިފައިން ބޭލުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެއް ޕްލެޓްފޯމްގެ ތިބި ސިފައިން އަންނަ މަހުގެ 10 ވަނަދުވަހުގެ ކުރިން ރާއްޖެއިން ފައިބާނެކަމަށެވެ. އަނެއް ޕެލްޓްފޯމްތަކުގައި ތިބި ސިފައިން މޭ 10 ގެ ކުރިން ރާއްޖެއިން ދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. 

" މިހިސާބަށް މި ގެންދެވަނީ ޑިޕޮލަމެސީގެ ރިވެތި އުސޫލުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއް ގޮތުން. މީ ހަގިގަތުގައި ވަރަށް ބޮޑު ކާމިޔާބީއަކަށް ވާނެ. ރޭވުންތެރިކަމާއި އެކު ކުރާ މަސައްކަތުން ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ވަރަށް ްއަވަހަށް ގެންގޮސްދޭނަން " ރައީސް މުއިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދެން ކުރެވޭކަމަކީ އެމެޖެންސީގައި ބަލިމީހުން އުފުލުމަށް ރާއްޖޭގެ އަމިއްލަ ގާބިލިއްޔަތުކަން އިތުރުކުރުންކަމަށެވެ. އެގޮތުން އެއަރަ އެމްބިއުލާސްގެ ހިދުމަތް އަންނަ މަހުގެ 1 ވަނަދުވަހު ފަށާނެކަމުގެ ޔަގީންކަންވެސް ރައީސް ދެއްވިއެވެ. އަދި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ރާއްޖޭގެ ސަލާމަތީ ބާރުތަކުން އަމިއްލައަށް ބެލެހެއްޓޭވަރުގެ ގާބިލުކުން އިތުރުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. 

ރާއްޖޭއާ އިންޑިއާއިން އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށްފަހު އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިންސާނީ އެހީތެރިކަމާއި ސިއްހީ ބޭނުންތަކަށް މީހުން އުފުލުން ފަދަ ކަންކަމަށް އިންޑިއާގެ ޑޯނިއާ އަދި ހެލިކޮޕްޓަރު އޮޕަރޭޝަންތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް މަސައްކަތްކުރެވޭނެ ގޮތްތަކެއް ދެ ގައުމުގެ ދެމެދުގައި ކަނޑައެޅުމަށް އެއްބަސްވެފައިވާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް