ރައީސް ޑރ. މުހައްމަދު މުއިއްޒު ތ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ އަތޮޅު ވަންދޫގައި ބޭއްވި ޖަލްސާއެއްގައި މިނިސްޓަރު ޝަފީއު ވިދާޅުވީ، ދިވެއްސަކަށް ވީތީ ތައުލީމު ލިބެން ޖެހެނީ ހަމައެކަނި ރާއްޖޭގައި ތިބި ދަރިވަރުންނަށް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެކެވަޑައިގަންނަވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ މިއީ މީގެކުރިން ވެސް ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެއް ކަމަށާއި، ނަމަވެސް ކުރީގެ ސަރުކާރުން މާބޮޑު އަޅާލުމެއް ނުދިނުމުގެ ސަބަބުން އެކަން އޮތީ ހުއްޓިފައި ކަމަށެވެ. އެގޮތުން ސްރީލަންކާ އާއި މެލޭޝިއާގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމް ވެސް ހުއްޓިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ކުރިއަށް އޮތްތާގައި އާ ހިތްވަރަކާއި އާ އުސޫލުތަކާއެކު ދިވެހި އަދި އިސްލާމް ކިޔަވައިދިނުމުގެ ހާއްސަ ޕްރޮގްރާމް އަލުން ފަށައިގެން ކުރިއަށްގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީގެއިތުރުން ވަންދޫ ސްކޫލްގެ އާ އިމާރާތް ބިނާކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށާއި، އެ މަސައްކަތުގެ ޕްރި-ޓެންޑަރިންގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.