މިނިސްޓްރީގެ މައުލޫމާތުތައް އާޢްމުންނަށް ފޯރުކޮށްދިނުމަށް ފޭސްބުކްގައި ކުރިޔަށް ގެންދިޔަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ ސްކޫލް ނިމިގެން ނިކުންނަ ނުކުޅަދުންތެރިކަން ހުންނަ ދަރިވަރުންނަށް މާގިނަ ފުރުސަތުތަކެއް މިހާރު ނުލިބޭކަމަށެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އިތުރަށް ކިޔެވުމަށް ނުވަތަ ވަޒީފާ އަދާކުރުމަށް ފުރުސަތު ހޯދައިދޭން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަކަށެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާ ދިނުމަށް ހާއްސަ ގަވައިދެއް ރައީސް އޮފީހުން އެކުލަވާލުމަށް ފަހު އެ ގަވައިދު ވަނީ ގެޒެޓުކޮށްފައި އެވެ
މި ގަވާއިދުގައި ވާ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުސަތުތަކާއި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުސަތުތައް ލިބިދިނުމުގެ ހައްގު ލިއްބައިދިނުމަށް ޓަކައި އެކަމަށް މަގުފަހިކުރުމަށްޓަކާއި އެކުލަވާލި ގަވާއިދެއްކަމަށާއި މި ހައްގު ކަށަވަރުކޮށްދިނުމަށް އުސޫލުތައް ކަނޑައެޅުމުގެ ގޮތުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އެކުލަވައިލައިފައިވާ ގަވާއިދެއްކަމަށެވެ.
މި ގަވާއިދުގެ މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނައް އެހެން މީހުންނެކޭ އެއްފަދައިން އަމިއްލައަށް އިހްތިޔާރު ކުރާ ވަޒީފާއެއް އަދާކުރުމަށް އަދި ހަމަ ހަމަ ފުރުސަތު ހޯދައިދިނުމާއި، ވަޒީފާގެ މާހައުލުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނާއި ތަފާތުކަމެއް ގެންގުޅޭ ގެންގުޅުން ހުއްޓުމަކަށް ގެނެއުމަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ވަޒީފާދޭ ފަރާތުން، އެ ފަރާތަށް މަސައްކަތްކުރާނެ އެކަށީގެންވާ މާހައުލެއް ގާއިމުކޮށްދީ، މަސައްކަތުގެ މާހައުލުގައި މި ފަރާތްތައް ޝާމިލުކުރާނެ ގޮތްތަކުގެ އުސޫލުތައް ކަނޑައެޅުންކަމަށެވެ.