ads
ބްރިޖް މަސައްކަތް ކުރިއަށް ދަނީ ތާވަލަށްވުރެ ހަލުވިކޮށް، 33 އިންސައްތަ ނިންމާލައިފި
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލާ ގްރޭޓަމާލެ ކަނެކްޓިވިޓީ ބްރިޖްގެ 33 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި، މަސައްކަތް ކުރިއަށްދަނީ ތަވާލުކޮށްފައި އޮތް ވަރަށްވުރެ ހަލުވިކޮށް ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖިނިއަރިން ޓީމު މިއަދު ވަނީ، ބްރިޖު މަޝްރޫއުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބައްލަވާލައްވަން އެ ސަރަހައްދަށް ވަޑައިގެންފަ އެވެ.

އެ ޒިޔާރަތަށްފަހު، ސްޓޭޓް މިނިސްޓަރު އިބްރާހިމް ތޮއާމް ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވީ، މަސައްކަތް  މިހާރު ކުރިއަށްދަނީ ތާވަލާއި އަޅާ ބަލާއިރު 1.2 އިންސައްތަ ހަލުވިކޮށް ކަމަށެވެ.

އެގޮތުން ބްރިޖް މަޝްރޫއުގެ ޕައިލިން މަސައްކަތުގެ 54 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، މުޅި މަޝްރޫއުގެ 33.4 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައި ކަމަށް އޭނާގެ ޕޯސްޓުގައި ވެއެވެ.

ތޮއާމްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، މަޝްރޫއު ކުރިއަށްދާއިރު ދިމާވެދާނެ ގޮންޖެހުންތައް ދިރާސާކޮށް މަސައްކަތް މަޑުޖެހުމެއްނެތި ކުރިއަށް ގެންދިއުމަށް  އަޅަންޖެހޭ ފިޔަވަޅުތައް ދުރާލާ މިނިސްޓްރީން އަޅަމުންދާ ކަމަށެވެ.  

މިމަޝްރޫއުގެ މަސައްކަތް ނިންމަން މިދިޔަ ސަރުކާރުގައި އެކި ތާރީހުތައް ދެމުންގޮސް، މިދިޔަ ނޮވެމްބަރުގައި ސަރުކާރު ބަދަލުވިއިރު ވެސް ކަނޑައަޅާފައިވާ ތާރީހަށް މަސައްކަތްތައް ނިމިފައެއް ނުވެ އެވެ. 

މި މަޝްރޫއުގެ ތެރެއިން މާލެއާ ވިލިމާލެ ގުޅާލާ ނިންމަން އެ މަޝްރޫއު ހިންގަމުން އަންނަ އިންޑިއާގެ އެފްކޯންސްގެ ފަރާތުން އެންމެ ފުރަތަމަ ދިން ތާރީހަކީ މިދިޔަ އަހަރުގެ ޖުލައި 23 އެވެ. އަދި، އެދެމެދު އާންމު ދަތުރުތައް ކުރަން އެއަހަރުގެ އޮގަސްޓް 15 ގައި ފެށޭނެ ކަމަށް ލަފާކުރި އެވެ.

އެކަމަކު އޭގެ ފަހުން ވެސް މަޝްރޫއު ލަސްވަމުން ގޮސް އޭރުގެ ސަރުކާރުން އެންމެ ފަހުން ދިން ތާރީހަކީ މިދިޔަ އަހަރު ޑިސެމްބަރެވެ. އޭގެ ފަހުން ވެސް މަސައްކަތް ލަސްވަމުން ގޮސް، ސަރުކާރު ބަދަލުވީއިރު ވެސް އެދެވޭ ހަލުވި މިނެއްގައި އެ މަސައްކަތް ކުރިއަކަށް ނުދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް