ލ. ޗެމްޕިއަންކަން ގަމުން ހޯދީ އިސްދޫގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖެހީ އިސްދޫންނެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ގަމުގެ ކެޕްޓަން ހުސެއިން ޝަރީފް (އޮންލީ) ގޯލު ޖަހާ އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން އިސްދޫ އިން ވަނީ އަލުން ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހުސެއިން އަފްޚާން އެވެ. ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ގަމުން އަލުން ވަނީ ނަތީޖާ ހަމަހަމަ ކޯށްފަ އެވެ. އޭރިއާ ބޭރުން ޖެހި ބާރު ޝޮޓަކުން މި ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އަލީ ޝާމިސް (ތޮއްޕެ) އެވެ.
ގަމަށް ފުރަތަމަ ފަހަރަށް މި މެޗުގައި ލީޑު ނަގާދިނީ މެޗުގެ ފަހު މިނެޓުގައި އޮންލީ ކާމިޔާބުކޮށްދިން ގޯލުންނެވެ. އޮންލީއަކީ މިދިޔަ އަހަރުގެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ.
ލ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އިސްދޫގެ ހުމޭޒު އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ އަހުމަދު ހަލީމް (އައްމަޑޭ) އެވެ.