ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުން ދާ މުއައްސަސާތަކާ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިނިސްޓްރީ އާއި ހަވާލު ވެވަޑައިގެން އިރު 2000 އައިޑީ ކާޑުގެ ބޮޑު ބެކް ލޮގެއް ފިލުވާލެވިފައިވާއިރު ކުރިއަށް އޮތްތަނުގައި އައިޑީ ކާޑު ހެދުމަށް ހުށަހެޅޭ ފޯމްގައި މައުލޫމާތު ފުރިހަމަ ނަމަ 24 ގަޑިއިރު ތެރޭގައި އައިޑީ ކާޑު ނިންމާ ހަވާލުކުރެވޭނެ ކަމަށެވެ.
އައިޑީ ކާޑް ހައްދާ އަދަދު އިތުރުވެފައިވާތީ، ކާޑު ނެގުމަށް ދޫކުރާ ނަންބަރުގެ އަދަދު އިތުރުކޮށް ކާޑު ދޫކުރާ ވަގުތުވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އިތުރުކޮށްފައި ވާކަމަށް ކުރިން ބުނެފައިވެއެވެ.
ރަސްމީ ދުވަސް ތަކުގެ ހެނދުނު 08:00 އަކުން މެންދުރު 13:30 އަށް ކިއުބީ އެޕް މެދުވެރިކޮށް ޑީއެންއާރްގެ ހިދުމަތް ތަކަށް 300 ނަންބަރު ދޫކުރެވޭނެކަމަށާއި އަދި 08:30 ގައި ހިދުމަތް ދޭން ފަށާނެ ކަމަށް ޑީއެންއާރުން ބުނެ އެވެ. ކުރިން ޓޯކެން ނަންބަރު ދޫކުރަމުން އައީ ހެނދުނު 10:00 އިން ފެށިގެންނެވެ.