
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބީއެމްއެލްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން އުޅޭކަމަށް ބުނެ ފެތުރެމުންދަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެއެވެ.
މިނިސްޓްރީން ބުނީ ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް، ފިނޭންސް މިނިސްޓްރީ އާއި އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން ރާއްޖޭގް މާލީ އަދި އިގްތިސޯދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ފަސޭހައިން ބޭރު ފައިސާ ލިބޭނެ މަގުފަހިކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެ އެވެ.
މިނިސްޓްރީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ގައުމުގެ އިގްތިސޯދީ ހާލަތަށާއި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް ސަރުކާރުން ގެނެސްދޭނެ ކަމަށެވެ.
ރުފިޔާ އެކައުންޓްތަކުން ބޭރު ފައިސާގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ކާޑު ލިމިޓްތައް މުރާޖައާ ކުރަމުންދާ ކަމަށާއި، ނަމަވެސް އަދި މިހާތަނަށް އާ ލިމިޓެއް ކަނޑައަޅާފައި ނުވާ ކަމަށް ބީއެމްއެލްއިން ވެސް ވަނީ ބުނެފަ އެވެ.