ދުބާއީގައި ބާއްވާ ރާއްޖޭގެ އިންވެސްޓްމަންޓް ފޯރަމް ފެށުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވައި ސައީދު ވިދާޅުވީ، ސޮވެރިން ޑިވެލޮޕްމަންޓު ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ކުރީގެ ސަރުކާރުން ބޭނުންކުރުމަކީ ޑޮލަރުގެ މައްސަލަ ދިމާވާން މެދުވެރިވި އެންމެ ބޮޑު ސަބަބު ކަމަށެވެ.
މީގެއިތުރުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ބަދަލުތަކެއް އައުމާއި ޑޮލަރުގެ ކަޅު ބާޒާރަށް ވިޔަފާރިތައް ބަރޯސާވެފައިވުމަކީ ވެސް ޑޮލަރުގެ މައްސަލަ ކުރިތިވި ސަބަބެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސޯދީ އަދި މާލީ ހާލަތާއި ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް، އެމްއެމްއޭ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް ފިނޭންސް މިނިސްޓްރީން ވެސް ވަނީ ބުނެފަ އެވެ.