އެމްޕީޢެސް އިން ބުނި ގޮތުގައި މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒާއި، ވިމެން އިން ޕޮލިސިން ކޮމިޓީ އަދި ފޮރެންސިކް ސާވިސަސް ގުޅިގެން، ފުލުހުންގެ އިދާރާގައި ސައިންޓިފިކް ތަފާތު ދާއިރާތަކުގައި މަސައްކަތްކުރާ އަންހެނުންނަށާއި ސްކޫލުތަކުގެ އަންހެން ދަރިވަރުންނަށް ހާއްސަކޮށްގެން ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ.
މި މަހު 11 އިން 12އަށް ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގައި މާލޭ އޭރިޔާގެ ހައި ސްކޫލްތަކަށް ޒިޔާރަތްކޮށް ސައިންސާ ގުޅުންހުރި ތަފާތު މައުލޫތަކަށް، މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށާއި ސައިންސްގެ ދާއިރާތަކަށް އަންހެން ކުދިންގެ ޝައުގުވެރިކަން އިތުރުކޮށް ސްކޫލު ދައުރުން ފެށިގެން މަސައްކަތުގެ މާހައުލުގައި ހަރަކާތްތެރިވުމާ ހަމަައަށް ހުރި ފުރުސަތުތައް ހޯދައިދިނުމަށް ބާރުއެޅިފައިވާކަމަށް އެމްޕީއެސް އިން ބުނެއެވެ.
އެމްޕީއެސް އިން ބުނީ މީގެ އިތުރުން އެކަންކަމާއި ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ޕެނަލް ޑިސްކަޝަންއެއް ކުރިޔަށް ގެންގޮސްފައިވާކަމަށެވެ.
މި ހަރަކާތްތަކުގައި ބިލަބޮންގް ހައި އިންޓަނޭޝަން ސްކޫލް، ވިލާ ހައި ސްކޫލް، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ، ސެންޓަރ ފޯ ހަޔަރ ސެކެންޑްރީ އެޑިއުކޭޝަން އަދި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 11 އަދި 12 ގެ ދަރިވަރުން ހިމެނޭގޮތަށް ކޮންމެ ސްކޫލަކުން 10 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.