ގުޅިފަޅު ހިއްކާތީ އެ ސަރަހައްދާއި ވަށައިގެންވާ ތަންތަނުގެ ތިމާވެއްޓަށް އިއާދަނުކުރެވޭނެ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެ މައްސަލަ ކޯޓަށް ހުށަހެޅީ ތިމާވެށި އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު (ހުމޭ) އެވެ.
އެ މައްސަލަ ނިމެންދެން އެ މަޝްރޫއު މަޑުޖައްސާލަން އެދުނަސް، ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.
ހުކުމުގައިވަނީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. މި މައްސަލައިގައި ހައިކޯޓުގެ ފަނޑިޔާރުންގެ މެދުގައިވަނީ ރައުޔު ތަފާތުވެފައެވެ.
ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދުގެ އަޣުލަބިއްޔަތުން ކުރެއްވި ހުކުމުގައި އަންގާފައިވަނީ ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ގުޅީފަޅު ހިއްކުމުގެ ހުރިހާ މަސައްކަތެއް މަޑުޖައްސާލަން އަންގާ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ ރައުޔަކީ ހައި ކޯޓުން އިތުރަށް ގޮތެއް ނިންމަންޖެހޭ ކަމެއް އެ މައްސަލާގައި ނެތް ކަމަށެވެ.
މިއީ ތިމާވެއްޓަށް ގެއްލުން ވާތީ ރާއްޖޭގައި ހިންގަމުން ދިޔަ ބިޔަ މަޝްރޫއެއް ކޯޓަކުން ހުއްޓުވި ފުރަތަމަ ފަހަރެވެ.