
މި ފީޗާ ތަޢާރަފް ކޮށްފާ ވަނީ މިއަދު އެސްއެމްއީ ހަބްގައި ބޭއްވި އިވެންޓެއްގައެވެ.
އެ ހިދުމަތް ތައާރަފް ކުރުމަށްފަހު ބީއެމްއެލްއިން ބުނީ ހިދުމަތްތައް ޒަމާނީކޮށް، ކަސްޓަމަރުންގެ ޑިމާންޑުތަކާ އެއްގޮތަށް ހިދުމަތް ފުޅާކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން އެ ބޭންކުން އިތުރުކުރި "އިންސްޓަންޓް އެޕްރޫވަލް" ފީޗާއާއެކު ލޯނު އެޕްރޫވްކުރާތާ ހަތަރު ގަޑިއިރު ތެރޭގައި އެކައުންޓަށް ފައިސާ ޖަމާކުރާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ.
ބީއެމްއެލް މޮބައިލް އެޕު މެދުވެރިކޮށް ވެސް އަދި އިންޓަނެޓް ބޭންކިން މެދުވެރިކޮށް ވެސް ލުއި ލޯނު ނެގޭނެ މިންވަރު ބަލައިލެވޭނެ ކަމަށް އެ ބޭންކުން ބުނެފައިވެ އެވެ.
އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުން މި ލޯނުތަކަށް ޝަރުތު ހަމަވާއިރު، މި ބަދަލާއެކު އެމީހަކަށް ލިބޭ މުސާރައަށް ބަލައި 1.2 މިލިއަނާ ހަމައަށް ވަގުތުން ލޯނު ނެގޭނެ ހިދުމަތް ވަނީ ހަމަޖައްސާފަ އެވެ.
މީގެއިތުރުން ލޯނަށް އެދޭ ފަރާތަކީ ގަވައިދުން މުސާރަ ލިބޭ މީހެއް ކަމުގައިވެ، މާޒީގައި ބަރާބަރަށް ލޯނުތައް ދައްކާފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ބޭންކުން ބުނެ އެވެ.
ލުއި ލޯނު ދޫކުރަން ހަމަޖެހިފައިވާ ގަޑިއަކީ ހެނދުނު 9:00 އިން ރޭގަނޑު 10:00 އާ ހަމަޔަށެވެ. އަދި އޭގެ ފަހުން ހުށަހަޅާ ހުށަހެޅުންތައް އެޕްރޫވް ކުރުމުގެ މަސައްކަތް ކުރާނީ އަނެއް ދުވަހު ހެނދުނު 9:00 އިން ފެށިގެން ކަމަށް އެ ބޭންކުން ބުނެ އެވެ.
މީގެއިތުރުން ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން ނަގާ ކަސްޓަމަރުންނަށް ވެސް އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކްރެޑިޓް ލިމިޓު ފެންނަން ހުންނާނެ އެވެ. އަދި ލޯނުގެ އެއްބަސްވުން އެޕްރޫވް ކުރާތާ 30 މިނެޓު ތެރޭގައި ފައިސާ ޖަމާވާނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ.