ads
"މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ރޯދައިގެ ކުރިން ދެވޭތޯ ބަލާނަން"
މަސްވެރިންނަށް ނުދެވި ހުރި ފައިސާ ރޯދަ މަހުގެ ކުރިން ދައްކާ ހަލާސްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުއިއްޒު އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މަރަދޫ އާއި މަރަދޫފޭދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ، އެންމެ ކުރު މުއްދަތެއްގެ ތެރޭގައި މަސްވެރިންނަށް އެންމެ ގިނަ ފައިސާ ދީފައިވާނީ މި ސަރުކާރުން ކަމަށެވެ.

ރައީސް ވިދާޅުވީ މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިންނަށް ދޭންޖެހޭ 200 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށެވެ.

"އެ ފައިސާވެސް ދައްކާ، އަދި އިތުރަށް މަސް ބާނަމުންދާ ވަރަކަށް ދައްކަން ޖެހޭ ފައިސާ ހުންނާނެ، ޖުމްލަ 424 މިލިއަން ރުފިޔާ ތިން މަސް ތެރޭގައި ދެއްކީ." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަސްވެރިކަން އިތުރަށް ކުރިއަށްދާ ވަރަކަށް ދޭންޖެހޭ ފައިސާ ވެސް އިތުރުވަމުންދާނެ ކަމަށެވެ. އެގޮތުން، މިހާރުވެސް މަސްވެރިންނަށް ދައްކަންޖެހޭ 300 މިލިއަނެއްހާ ރުފިޔާ އެބަހުރި ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

"އެ ފައިސާވެސް މި ބަލަނީ އިރާދަކުރެއްވިއްޔާ ހަމަ ރޯދައިގެ ކުރިން ނިންމާލެވޭތޯ،" ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން މަސްވެރިންނަށް ދައްކަންޖެހޭ ފައިސާ ދެމެހެއްޓެނިވި ގޮތެއްގައި އަދި ކުރު މުއްދަތެއްގެ ތެރޭގައި ދެއްކޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ ފައިސާ ލިބުން ލަސްވަމުންދިއުމާ ގުޅިގެން މަސްވެރިން މިއަދު ކޫއްޑޫގައި އިހްތިޖާޖު ކޮށްފައިވަނިކޮށެވެ.

އެ މައްސަލައާ ގުޅިގެން ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކުރައްވާފަ އެވެ. އަދި މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ނިންމަވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް