މާދަމާގެ ޖަލްސާގައި ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގެ ށ ގައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާނަށް ޖަވާބު ދިނުމަށް ވަނީ އެޖެންޑާކޮށްފައެވެ. މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ ވެރިކަން ކުރާ ޕާޓީ ނޫން ދެން އެންމެ ގިނަ މެންބަރުން އެކުލެވޭ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުންނެވެ. އެހެންކަމުން މިހާރު މަޖިލިސް އެތުރިފައިވާ ގޮތުން މާދަމާ ރިޔާސީ ބަޔާނަށް ޖަވާބު ދެއްވާނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ.
ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާފައިވަނީ މިފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުއެވެ. ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތު އެވަގުތު އޮތްގޮތާއި ހާލަތު ރަނގަޅުކުރުމަށް އިތުރަށް ކުރާނެ ކަންކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ބަޔާނެކެވެ.
ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވަން ޖެހިވަޑައިގަންނަވާއިރު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 32 ވަނަ މާއްދާގައިވާގޮތުން ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމުން އެއިރެއްގައި ސަރުކާރު ހިންގާ ޕާޓީ ނޫން ދެން މަޖިލީހުގައި އެންމެ ގިނައިން މެމްބަރުން ތިބި ޕާޓީއަކުން ރިޔާސީ ބަޔާނަށް ޖަވާބު ދޭން ޖެހެއެވެ. އެ ޖަވާބު ތައްޔާރުކުރަން ޖެހެނީ ވެސް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން ދެން ތިބި ޕާޓީތަކުގެ މެމްބަރުންގެ ހިޔާލު ހިމަނައިގެންނެވެ. އަދި މި ޖަވާބު ރިޔާސީ ބަޔާން އިއްވާތާ 14 ދުވަސް ތެރޭގައި އިއްވުން ވެސް ގަވާއިދުގައި ބުނާގޮތުން ލާޒިމްވެއެވެ.
މިފަހަރުގެ ރިޔާސީ ބަޔާނަށް އިދިކޮޅުން ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އަދި ރިޔާސީ ބަޔާން އިއްވެވި ޖަލްސާ އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއާ ދަ ޑިމޮކްރެޓްސް ވަނީ ބޮއިކަޓްކޮށްފައެވެ.