ads
މުޒާހާރާ ހުއްޓާލާފައި މަސްވެރިން މަހަށް ނުކުތުމަށް މަސްވެރިކަމުގެ ވަޒީރު ގޮވާލައްވައިފި
މަސްވެރިންން މުޒާހަރާ ހުއްޓާ މަސްވެރިކަމަށް ނުކުތުމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހްމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

މަސްކިރުވުމަށްފަހު މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުދީގެން މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މަސްވެރިން ދަނީ ކުއްޑޫގައި މަސް ފެކްޓަރީއަށް ވަދެ އެތަނުގެ މަސައްކަތް ހުއްޓުވާ މުޒާހަރާކުރުމުންނެވެ. އަދި  އިއްޔެ އައްޑޫ މަސްވެރިން ނުކުމެ ވަނީ އައްޑޫގައި ހުރި މިފްކޯގެ ފިޝަރީޒް ކޮމްޕްލެކެސްވެސް ބަންދުކޮށްފައެވެ. 

ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުއްޑޫއާއި އައްޑޫގައި މަސްވެރިން އަދިވެސް ތިބީ މުޒާހަރާގައިކަމަށެވެ. 

" އަޅުގަނޑުމެން މި އެދެނީ ހަމަ އެންމެ ދުވަހެއްވެސް އާމްދަނީ މަދުނުކޮށް މުޒާހަރާ ހުއްޓާލާފައި މަސްވެރިން އާމްދަނީ ހޯދުމަށް ވަޑައިގަންނަވާށޭ." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިން މުޒާހަރާ ފެށުމުން މަސްވެރިކަމާއި ބެހޭ ވަޒީރު ވަނީ ކުއްޑޫއަށް ގޮސް މަސްވެރިންނާއި ބައްދަލުކޮށް ސަރުކާރުން ހުށައަޅާ ގޮތްތަކެއްވެސް ހުށައަޅާފައެވެ. 

ޝިޔާމް ވިދާޅުވީ މަސްވެރިންނަށް ފައިސާ ދޭނެ ގޮތް މަސްވެރިންނަށް ހިއްސާކޮށްފައިވާ ގޮތަށެވެ. އެގޮތަކީ މިމަހުގެ 26ގެ ކުރިން 100 މިލިއަން ރުފިޔާދީ  ބާކީ ހުރި ހުރިހާ ފައިސާ އަންނަ މަހުގެ 5 ވަނަދުވަހުގެ ކުރިން ދޭނެކަން މަސްވެރިންނަށް އަންގާފައިވާކަމަށެވެ. 

އެހެންނަމަވެސް މަސްވެރިން މި ނިންމުމާއި އެއްބަސްވެފައެއް ނުވެއެވެ. މަސްވެރިން ބުނަމުން އަންނަނީ ރިޒާވުގައި ހުރި ފައިސާ ނަގައިގެން ނަމަވެސް އެމީހުން ބޭނުންވަނީ އެމީހުންނަށް ލިބެން ހުރި ފައިސާ ދިނުންކަމަށެވެ. އެހެންނޫންނަމަ މުޒާހަރާ ހުއްޓާ ނުލާނެކަމަށް މަސްވެރިން އަންނަނީ ބުނަމުންނެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށް މިފްކޯއިން ލޯނެއް ނަންގައިގެންވެސް ފައިސާ ދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެކަމާ މަޖިލިސް މެމްބަރުން މިއަދު ސުވާލު އުފެއްދުމުންވެސް މަސްވެރިކަމުގެ ވަޒީރު ޖަވާބެއް ދެއްވާފައެއް ނުވެއެވެ. 

"އަޅުގަނޑު ދަންނަވައިފިން 100 މިލިއަން 26 ފެބްރިއަރީގެ ކުރިން ދެއްކުމަށް އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. އަދި ފިނޭންސް މިނިސްޓަރ ފައިސާ ސީދާ ހޯއްދަވާ ސޯސްއެއް އަޅުަގަނޑަކަށް ނޭގޭ. މިވަގުތު ދަންނަވާކަމަށް އެހެންނަމަވެސް އެކަމެއް ސާފުކޮށްލާފައި ދަންނަވާނަން. އެނގިވަޑައިގަންނަވާނެ ދައުލަތަށް އާމްދަނީވެސް އެބަ ވަދޭ ހަމަ މިމަހުގެ ތެރޭ، އެ އާމްދަނީ ހިމެނޭގޮތަށް އަދި އެއިން ނުވާކަމަށް ވާނަމަ އެހެން ގޮތްގޮތުން ހޯދައިގެންވެސް 180 މިލިއަން އެއީ ބެލެންސް އެ ފައިސާ 5 މާޗްގެ ކުރިން ދައްކާ ހަލާސްކުރަން ނިންމާފައި." ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު މަސްވެރިންނަށް ދޭންޖެހޭ 250 މިލިޔަނެއްހާ ރުފިޔާ އޮތްކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މިހާތަނަށް މިފްކޯއިން ސަރުކާރުގެ އެހީތެރިކަމާއެކު 276 މިލިއަނަށްވުރެ ބޮޑުއަދަދެއް މަސްވެރިންނަށް ޚަލާސްކުރެވިއްޖެކަންވެސް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ހިސާބުތަކެއް އާއްމުކުރައްވަމުން މިދިޔަ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ ޝިޔާމް ހެއްދެވީ ކަނޑައެޅިގެން ދޮގެއްކަމަށެވެ. މިދިޔަ ސަރުކާރުގެ އެންމެ ފަގު ދުވަސް 16 ނޮވެމްބަރުގެ ނިޔަލަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ސަރުކާރުގައި މިފްކޯއިން މަސްވެރިންނަށް ދައްކަންޖެހޭ އަދަދަކީ 185 މިލިއަން ރުފިޔާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް